ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ގޮތުން "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުންފުންޏެއް އުފައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކާ ކުންފުންޏެއް އުފައްދަވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުނި ރައީސް ސޯލިހް އުފެއްދެވީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެކަމަށް ޚާއްޞަކޮށްފައިވާ ކުންފުންޏެއް ގާއިމުކުރުމަކީ މުހިއްމުކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އެގޮތުން އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި ކުންފުނީގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ރަށްރަށުގައި ހައުސިން ޔުނިޓުތައް އެޅުމުގެ މަޝްރޫއުތަކާއި، މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިކަމުގެ މަޝްރޫއާއި ގުޅީ ފަޅު ހައުސިން ޕްރޮޖެކްޓުގެ މަޝްރޫއު އަދި ވެށިފަހި މާލެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔައީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.