12 Mar 2019, 15:07
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވެސް އެ ކުންފުނީގެ މުވައްޒިފުންނަށް ވިހެމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކޮށްދީފިއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާގޮތަށް އިއްޔެއިން ފެށިގެން ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވާފައެވެ.
ވިހެއުމާ ގުޅިގެން މުސާރަ ހިނގާގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
އެމްޕީއެލްއިން ބުނީ މެޓާނިޓީ ލީވް މިއަދުން ފެށިގެން އިތުރުކޮށް މިއަދުން ފެށިގެން އެ ގަވައިދަށް އަމަލުކުރަން ފަށައިފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން ދަރިއަކު ލިބުމުން ބައްޕައިންނަށް ދޭ ޕެޓާނިޓީ ލީވްވެސް އެއްމަހަށް މިހާރު އިތުރުކޮށްފައިވާ ކަަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާބަނޑު ދުވަސްވަރު މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމގެ ގޮތުން "ފްލެކްސިބަލް" ގަޑިތަކެއް ހަމަޖެއްސުމަށް މިހާރު މަޝްވަރާކުރަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.