މަސްތުވާތަކެތި މައްސަލައެއްގައި ބަންދުގައި ހުރި ފުލުހުންގެ މަދަނީ މުވައްޒަފު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ ހަފްތާ ހޯމަ ދުވަހު ލަންކާ މަގުން އެތެރެ ކުރަން މަސައްކަތް ކުރި މަސްތުވާތަކެއްޗާއެކު 29 އަހަރުގެ ފުލުހުންގެ މަދަނީ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަމަ އެދުވަހު އިންޑިއާ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް 26 އަހަރުގެ އިންޑިއާގެ ރައްޔިތަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި ދެމީހުންގެ ބަންދަށް މީގެ ކުރިން ހަތް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ވަނީ ހާޒިރު ކޮށްފައެވެ.

އެ ދެމީހުންގެ ބަންދާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިއުމުން ފުލުހުންގެ މަދަނީ މުވައްޒަފު ދޫކޮށް 26 އަހަރުގެ އިންޑިއާ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ މަދަނީ މުވައްޒަފު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހުގައި އެދުމަށް ނިންމާފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ފުުހުންގެ މަދަނީ މުވައްޒަފުގެ އަތުން ފޮށި ތަންމަތި ބަލައި ފާސްކުރިިއިރު ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ތެރޭގައި ހިމެނީ 1491 ގްރާމް ހަޝިޝް އޮއިލް އަދި 529ގްރާމް ހެރޮއިނެވެ. ޖުމްލަ 2.2 ކިލޯގެ މަސްތުވާތަކެތި އޭނާގެ އަތުން ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސް އިން މީގެ ކުރިން ބުނެފައިވަނީ، 26 އަހަރުގެ އިންޑިއާގެ މީހާގެ ފޮށި ތަންމަތި ބަލައި ފާސްކުރިިރު ޕެކިން އާއެކު 998 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.