ސިންގަޕޫރު (މާޗް 12): ބޯއިންގް 737 މެކްސް މަރުކާގެ ހުރިހާ އެއާކްރާފްޓެއް ސިންގަޕޫރަށް ދަތުރުކުރުމާއި އެގައުމުގައި ބޭނުންކުރުން ސިންގަޕޫރު ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސް)އިން މަނާކޮށްފިއެވެ.

ސިންގަޕޫރުން އެފަދައިން އެންގީ އިތިއޯޕިއަން އެއާލައިންސްގެ ބޯއިންގް 737 މެކްސް 8 މަރުކާގެ ބޯޓެއް އާދިއްތަ ދުވަހު ވެއްޓި، އޭގައި ތިބި އެންމެން މަރުވި ފަހުންނެވެ. އަދި މީގެ ފަސް މަސް ކުރިން އިންޑޮނޭޝިއާގެ ލަޔަން އެއާއިން ބޭނުން ކުރަމުން ދިޔަ ހަމަ އެ މަރުކާގެ ބޯޓެއް ވެއްޓި، އޭގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކުރޫއިންވެސް މަރުވި ފަހުންނެވެ.

މީގެ ކުރިން އިންޑޮނޭޝިއާއާއި ޗައިނާއިން ވަނީ އެ ގައުމުގެ އެއާލައިންތަކުން ބޯއިންގް 737 މެކްސް 8 މަރުކާގެ ބޯޓުތައް ބޭނުން ނުކުރަން އަންގާފައެވެ. އަދި އިތިއޯޕިއަން އެއާލައިންސާއި ކޭމަން އެއާވޭސްއިންވެސް ވަނީ އެ މަރުކާރުގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލާފައެވެ. ނަމަވެސް ސިންގަޕޫރަކީ ބޯއިންގް މެކްސް އާއިލާގެ ހުރިހާ މޮޑެލްތައް އުދުހުން މަނާކުރި ފުރަތަމަ ގައުމެވެ.

އެ ގައުމުތަކުން އެފަދައިން ނިންމި ނަމަވެސް އެމެރިކާއިން ވަނީ ބޯއިންގް 737 މެކްސް 8އަކީ ދަތުރުކުރަން ރަނގަޅު ބޯޓެއް ކަމަށް ބުނެފައެވެ.

ބޯއިންގް 737 މެކްސް 8އަކީ ބޯއިންގް ކުންފުނިން 2016 ވަނަ އަހަރު ލޯންޗު ކުރި މޯޑެލްއެކެވެ. އެކުންފުނިން ވަނީ އިތިއޯޕިއާގެ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އެހީ ފޯރުކޮށްދިނުމަށް ޓީމެއް ފޮނުވާފައެވެ.