ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމަރު ކުރީ އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެ ދައުލަތުން އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުމުންނެވެ. އެ އަމުރު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން އޮތީ ސިއްރުކޮށްފައެވެ. ހައި ކޯޓުން ބުނީ، ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

ރައީސް ޔާމިން ބަންދުކޮށްފައި ހުރީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައެވެ.

އެމަނިކުފާނު ބަންދު ކުރި ފަހުން ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވެއެވެ. އެމަނިކުފާނު އެޑްމިޓު ކުރީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައެވެ.