12 Mar 2019, 09:45
އަލްޖީރިއާ (މާޗް 12) : ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެކަން އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލީގާ އިޢްލާން ކުރައްވައިފިއެވެ.
ބޫތާފްލީގާ ގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރިން ނިންމާފައިވާ ނިންމެވުން ބަދަލުކުރައްވައި އެ އިންތިޚާބުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.
ބޫތާފްލީގާ އަލްޖީރިއާގެ ރައީސް ކަން ކުރައްވަނީ 1999 ވަނަ އަހަރުން ފެށިގެންނެވެ. ކުރިޔަށްއޮތް އިންތިޚާބަކީ އޭނާގެ ރިޔާސީ ފަސްވަނަ ދައުރެވެ. ފަސްވަނަ ދައުރަކަށް ކުރިމަތިލައްވަން ކުރިން ނިންމަވާފައިވާ ނިންމުން ބަދަލުކުރެއްވީ ސިއްޙީ ހާލުކޮޅު އެކަމަށް ތަންނުދިނުމާއި އުމުރުފުޅު މާމައްޗަށް ދިޔުމުން ރިޔާސީ ޒިންމާތައް އުފުއްލަވަން ދަތިފުޅުވާތީ ކަމަށްވެސް ބޫތާފްލީގާ ނެރުއްވި ބަޔާނުގައިވެއެވެ.
މިބަޔާން ނެރުއްވާފައި މިވަނީ ބޫތަފްލީގާ ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއްލާން ކުރެއްވުމުން އެކަމާދެކޮޅަށް އަލްޖީރިއާގެ ބައެއް ސިޓީތަކުގައި ރައްޔިތުންވަނީ މުޒާހަރާކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރަކުރާ މީހުން ބުނަނީ ބޫތަފްލީގާ ގެ ވެރިކަން ދިގުލައިގެން ހިނގައްޖެ ކަމަށާ އަދި އޭނާ ހުންނެވީ ގައުމުގެ ރިޔާސަތު ބެލެހެއްޓޭފަދަ ސިއްޙީ ހާލަތެއްގައި ނޫންކަމުގައެވެ.
ދެހަފްތާވީ މުޒާހަރާތަކާ ގުޅިގެން ބޫތާފްލީގާ ކުރިން ވިދާޅުވެފައިވަނީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ ދައުރުގެ މެދުތެރޭން މަގާމު ދޫކޮށްލައްވާނެކަމުގައެވެ. ނަމަވެސް މުޒާހަރާކުރާ ފަރަތްތަކުންވަނީ އެކަން ގަބޫލުނުކޮށް ބޫތާފްލީގާގެ އިސްތިއުފާއަށް ގޮވާލާ ކުރަމުން ގެންދާ މުޒާހަރާތައް ކުރިޔަށް ގެންދަން ފަށާފައެވެ.
އަލްޖީރިއާގެ ސިފައިންވަނީ ގައުމު ހަލަބޮލި ނުކުރުމަށާއި ގައުމުގެ އަމަން އަމާންކަމަށް އިސްކަން ދިނުމަށް މުޒާހަރާކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ސްޓްރޯކެއްޖެހުމުގެ ސަބަބުން މީގެ ހަތަރު އަހަރު ކުރިން ޕެރަލައިޒް ވެ ވަޑައިގެންފައިވާ ބޫތަފްލީގާ، ސްވިސްޓްޒަލޭންޑްގެ ހޮސްޕިޓަލަކުން ސިއްޙީ ފަރުވާ ހޯއްދެވުމަށްޓަކައި ދެހަފްތާ ހޭދަ ކުރެއްވުމަށްފަހު އިއްޔެ ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.
ބޫތާފްލީގާ ދަތުކުރު ކުރެއްވި ރިޔާސީ ޖެޓް ޖެއްސީ އަލްޖީރިއާގެ ވެރިރަށުގެ ހުޅަނގު ދެކުނުގައިވާ އަސްކަރީ ވައިގެ ބޭހަކަށެވެ. ފޮރޮޅުލީ ގޮނޑިއެއްގައި ބޯޓުން ފާބައި ވަޑައިގެން ކާރަށް އަރާވަޑައިގެން ރިޔާސީ ގަނޑުވަރަށް ބޫތަފްލީގާ ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި ސިފައިންގެ އިސް ކޮމާންޑަރުންނާއެކު ރިޔާސީ މޮޓޮކޭޑެއްގައެވެ.
ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތި ނުލެއްވުމަށް ނިންމެވި ނަމަވެސް ބޫތާފްލީގާ ވަނީ ރިޔާސީ އިންތިޚާބު ފަސްކުރެއްވިކަން އިއްލާން ކުރައްވާފައެވެ. މިއާއެކު އަލްޖީރިއާގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު މިހާރުވަނީ ނޭންގުމެއްގެ ތެރޭގައެވެ.
(އަލްޖަޒީރާ)