12 Mar 2019, 08:48
މިހާރު ރާއްޖޭގެ ބާޒާރުގައި އެންމެ ޑިމާންޑު ބޮޑު އެކައްޗަކީ ހެލްމެޓްއެވެ. ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ މީހުން ހެލްމެޓު އަޅަން މަޖުބޫރު ކުރުމާއެކު އެތައް ސަތޭކަ ބަޔަކު ދަނީ ހެލްމެޓު ގަންނަމުންނެވެ. އެކި ވިޔަފާރިތައް ކުރާ މީހުން ހެލްމެޓު ގެނެސް ވިއްކަން ފަށާފައިވާއިރު މީގެ ތެރޭގައި ރެޑްވޭވު ވެސް ހިމެނެއެވެ.
ރެޑްވޭވަކީ ހުރިހާ ބާވަތެއްގެ މުދާ ހެޔޮ އަގުގައި ދިވެހިންނަށް ވިއްކާ ކުންފުންޏަކަށްވާއިރު ރެޑްވޭވުން ވިއްކާ ހެލްމެޓަށް ވެސް ވަނީ ޑިމާންޑް ބޮޑުވެފައެވެ. ރެޑްވޭވުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ރެޑްވޭވުން މުދާ ވިއްކަނީ ކޮންމެ ރައްޔިތަކަށްވެސް ގަނެވޭނެ އަގެއްގައި ކަމަށާއި އަގުހެޔޮކޮށް ވިއްކި ނަމަވެސް ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވައިދަށް ފެތޭ ހެލްމެޓު ކަމަށެވެ.
"ހަމައެކަނި ސައިކަލު ހެލްމެޓެއް ނޫން މި ވިއްކަނީ. އަޅުގަނޑުމެން އެބަ ވިއްކަން ކޮންސްޓްރަކްޝަން ސައިޓު ތަކުގައި ބޭނުން ކުރާ ހެލްމެޓު، ބައިސިކަލް ދުއްވާއިރު އަޅާހެލްމެޓު،" ހެލްމެޓުގެ ފުރަތަމަ ސްޓޮކް ހުސްވެ ފަހުން ގެނައި ސްޓޮކްވެސް މިހާރު "ސާފު" ވެފައިވާކަމަށް އޭނާ ބުންޏެވެ.
"ރެޑްވޭވުން ބަލާނެ ކަސްޓަމަރުން ބޭނުންވަނީ ކޮންއެއްޗެއްތޯ. ރެޑްވޭވުން ވިއްކާ މުދަލަކީ ކަސްޓަމަރުންނަށް ގަނެވޭނެ އަގުހެޔޮ، އެ ކަސްޓަމަރުން ބޭނުންވާނެ މުދާ،"
ރެޑްވޭވަކީ ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގައި ރެޑްވޭވުގެ ފިހާރަތައް ހިންގަމުންދާއިރު ކާބޯތަކެތިން ފެށިގެން އަންނައުނާއި، އިލެކްޓްރޯނިކް، އިލެކްޓްރިކް މުދާ އަދި ފަރުނީޗަރުވެސް ރެޑްވޭވުން ހެޔޮ އަގެއްގައި ވިއްކައެވެ.