12 Mar 2019, 08:46
އާންމުގޮތެއްގައި އަހަރެމެންނަށް އަޑުއިވެނީ ބަރުދަން ލުއިކުރާނަމަ އެއްގޮތަކަށްވެސް ޗީޒް ބޭނުންކޮށްގެން ނުވާނެ ވާހަކައެވެ. ޗީޒްއަކީ ސެޓިއުރޭޓޭޑް ފެޓްސް ގިނަ ބާވަތެއްކަމުން ކީޓޯ ޑައިޓް ނޫން ގިނަ ޑައިޓްތަކުގައި ޗީޒް ބޭނުމެއް ވެސް ނުކުރެއެވެ. ނަމަވެސް މި ފަހުން ސައިންސް ބުނަނީ ބަރުދަން ލުއިކުރާނަމަ ބައެއް ޗީޒްތައް ބޭނުންކޮށްލުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ޗީޒްގައި ކެލްސިއަމްގެ މާއްދާ ގިނަ މިންވަރަކަށް ހިމެނޭއިރު، ގިނަ އަދަދެއްގެ ސިއްހީ ފައިދާތަކެއްވެސް އޭގައި އެކުލެވެއެވެ. ހާއްސަކޮށް ޗީޒް ފާހަގަކުރެވެނީ ޕްރޮޓީންސް އާއި ފޮސްފަރަސްއިން ވެސް މުއްސަނދި ބާވަތެއްގެ ގޮތުގައެވެ.
އެހެންނަމަވެސް ކޮންމެ ކޮންމެ ޗީޒްއަކީ އަދި ބަރުދަން ލުއިކުރާނަމަ ބޭނުންކުރަން އެދެވިގެންވާ އެއްޗެއް ނޫނެވެ.

ޕަނީރް ނުވަތަ ކޮޓެޖް ޗީޒް
ކޮޓެޖް ޗީޒް
ޕަނީރްގެ ނަންދެވިފައިވާ ކޮޓެޖް ޗީޒްއަކީ ހިކެން ބޭނުންވާނަމަ އެހީއެކެވެ. ޕްރޮޓީން އިން މުއްސަނިދި މި ޗީޒްއިން ދުވަހެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ 50 އިންސައްތަ ޕްރޮޓީން ހަށިގަނޑަށް ލިބިދޭނެއެވެ. އެއް ކަޕް ކޮޓެޖް ޗީޒްގައި ހުންނާނީ ގާތްގަނޑަކަށް 163 ކެލޮރީ އެވެ.

ޕާރމޭސަން ޗީޒް
ޕާރމޭސަން ޗީޒް
މިއީ އާންމުކޮށް ދިވެހިން ކައިއުޅޭ ޗީޒްތަކުގެ ތެރެއިން އެންމެ ރަހަމީރު އެއް ޗީޒެވެ. އެހެންކަމުން ޑައެޓް ކުރާނަމަ މީރު ރަހައެއް ބޭނުންވާ ފަރާތްތަކަށް މިއީ ހަމަ އެންމެ ރަނގަޅު ޗޮއިސް އެވެ. ޕްރޮޓީންސް އާއި ކެލްސިއަމް އަދި މިނަރަލްސްގެ ބާވަތްތައް ގިނައަދަދަކަށް ހިމެނޭ ޕާރމޭސަން ޗީޒްގެ 1 ސައި ސަމްސާގައި ހިމެނެނީ 21 ކެލޮރީސްއެވެ. ތަފާތު ސެލެޑްތަކާޢި ސޫޕްތަކަށް މި ޗީޒް ބޭނުންކުރެވިދާނެ އެވެ.

ފެޓާ ޗީޒް
ފެޓާ ޗީޒް
ޓްރެޑިޝަނަލް ފެޓާ ޗީޒްއަކީ ކަންބަޅި ނުވަތަ ބަކަރީގެ ކިރުން ހަދާ ޗީޒްއެކެވެ. އެހެން ހުރިހާ ޗީޒްތަކަށްވުރެ ފެޓާ ޗީޒްގައި ކެލަރީ މަދެވެ. 28 ގްރާމް ފެޓާގައި ހުންނަނީ އެންމެ 75 ކެލަރީއެވެ. އެހެންކަމުން މިއީ ބަރދަން ލުއިކުރާއިރު ބޭނުންކުރަން އެންމެ ރަގަޅު އެއް ޗީޒްއެވެ. އެހެންނަމަވެސް ފެޓާ ޗީޒްގައި ގިނައަދަދަކަށް ސޯޑިއަމް އެކުލެވޭތީ މި ޗީޒް ބޭނުންކުރާނަމަ ގިނައިން ފެން ބުއިން އެދެވިގެންވެއެވެ.
މި ޗީޒްތަކަކީ ބޭނުންކުރަން އެންމެ ރަގަޅު ޗީޒްނަމަވެސް ހުރިހާ ވައްތަރެއްގެ ޗީޒްއަކީ ބަރުދަން ލުއިކުރުމަށް ބޭނުންކުރެވޭނޭ ޗީޒްއެއް ނޫނެވެ. މިގޮތުން ބްލޫ ޗީޒްއާއި، ގޯޓް ޗީޒް އަދި ކްރީމް ޗީޒްއަކީ ކެލަރީސް ގިނަ ޗީޒްތަކެވެ.