12 Mar 2019, 08:43
ޝަރީއަތަށް މައްސަލަ ހުށަހެޅި މައްސަލަ ދިގުލައިގެންދިއުމުގެ ޝަކުވާއަށް ހައްލެއް ނުލިބުނު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ ޝަރީއަތަށް މައްސަލަ ހުށަހެޅި އެ މައްސަލަތަކާމެދު ގޮތެއް ނުނިމި ގިނަ އަހަރުތަކެއް ވަމުންދާތީ އެ ފަރާތްތަކުގެ ހައްގުތައް ގެއްލިގެންދާކަމަށްބުނެ 2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަކަށް 18 ފަރާތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެޗްއާރުސީއެމްގެ ގާނޫނުގެ 20ވަނަ މާއްދާގެ ދަށުން މި މައްސަލަތައް ބަލާފައިވާކަމަށާއި، ކޮމިޝަނުން ބެލިބެލުމުން މިކަމަކީ އެފަރާތްތަކުގެ ހައްގުތަކަށް އުނިކަންލިބޭ ކަމެއްކަމަށް ބެލެވޭތީ ކަމާގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް އެކަންތައް ތަކުރާރުކޮށް ގެނެސްގެންވެސް އެކަމަށް ހައްލެއް ނުލިބުނު ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.
އެޗްއާރުސީއެމް އިން މިފަދައިން ބުނެފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމަކީވެސް ޝަކުވާ ބޮޑުވެފައިވާކަމެކެވެ.