11 Mar 2019, 19:45
ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި ފްލެޓަކަށް އުޅަނދެއް ރަޖިސްޓަރީ ކުރެވޭނީ، އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިން، ފިރިން، ދަރިން ނޫނީ މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަނި ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
ހުޅުމާލެއަށް އެއްގަމު އުޅަނދު ގެނެސް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސް އެ ކުންފުނިން އާންމު ކުރީ މިއަދުއެވެ.
އޭގެ ކުރިން ހުޅުމާލެއިން ޕާކިން ޖާގަ ހުސްވެ، ގަރާޖު ހަދާފައި ނުވާ ތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުން އޮތީ ވަގުތީގޮތުން މަޑުޖައްސާލައިފައެވެ.
މިއުސޫލުގެ ދަށުން ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ. އަދި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މި އުސޫލުގެ ދަށުން ފްލެޓަކަށް ހުއްދަ ދޭނަމަ ދޭނީ ކޮންމެ ފްލެޓަކަށް އެއް އުޅަނދަށް ކަމަށާއި ހުޅުމާލޭގައި ހިންގާ ކޮންމެ ގެސްޓްހައުސް އަކަށްވެސް ރެޖިސްޓާ ކޮށްދޭނީ އެއް އުޅަނދު ކަމަށެވެ.