11 Mar 2019, 18:37
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓަ މިދިޔަ ހޮނިހިރުދުވަހު ނިޔާވި އުމުރުން 42 އަހަރުގެ މީހާގެ ފައިގައި ހުރި ނިޝާނަކީ އާއިލާ އިން އެނާގެ ފައިގައި ޗޭނެއް ޖެހުމުގެ ސަބަބުން ހުރި ނިޝާނެއް ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.
އަލީ ނިޔާޒު ކިޔާ އެ މީހާއަކީ މީގެ ކުރިން ވިލިމާލޭގައި އުޅުނު ޑައުން ސިންޑްރޯމް ހުންނަ މީހެކެވެ.
ޖެންޑާ މިނިސްޓްރީ އިން ރޭ ބުނީ ހޮނިހިރު ދުވަހު ނިޔާވި މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކަމާ ބެހޭ ފަރާތްތަކަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ އެ މީހާ ނިޔާވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ.
ނިޔާވި ފިރިހެންމީހާއަށް ބޮޑުބޭބެ ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވަނީ ބޮޑުބޭބެ ނިޔާވި އިރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި ބޭބެގެ ފައިގައި އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ. އަދި އެކަން ބަލައި ތަހުގީގު ކުރުމަށް އެ މީހާ ވަނީ ގޮވާލައިފައެވެ.
އެ ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް ޖެންޑާ މިނިސްޓްރީ އިން ރޭ ބުނެފައިވަނީ އެ މިނިސްޓްރީން ބެލިބެލުމުން އަލީ ނިޔާޒުގެ ފައިގައި ފެންނަން ހުރި އަނިޔާގެ ނިޝާނަކީ އޭނާގެ ޢާއިލާއިން އޭނާގެ ފައިގައި ޗޭނެއް އައްސައިފައި އޮތުމުގެ ސަބަބުން ފާޅުވެފައިވާ ނިޝާނެއްކަމަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.