11 Mar 2019, 18:09
ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބައެއް ޓެސްޓްތައް ރާއްޖެ އިން ހެދެން ނެތް ކަމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ގޮންގްރެސްގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެ އަމުރު ނެރުނު ފަހުން ރައީސް ޔާމީންގެ ހާލުކޮޅު ގޯސް ވެގެން ތިން ފަހަރެއްގެ މަތިން ވަނީ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައެވެ. އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފެށި ފަހުން އަދިވެސް އެމަނިކުފާނު އޮތީ އެޑްމިޓް ކުރެވިފައެވެ.
މިއަދު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ހާލުކޮޅު ގޯސް ކަމަށާއި ރައީސް ޔާމީންގެ ހާލާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއިން ނުހެދޭ ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޑޮކްޓަރު އެބައޮތް ލިޔުން ދެއްވާފައި އެމަނިކުފާން [ރައީސް ޔާމީން] ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އިތުރަށް ހަދަން ޖެހޭ ޓެސްޓްތައް ރާއްޖެއިން ނުހެދޭނެ ކަމަށް،" ރައީސް ޔާމީންގެ އައިލާއާ ހަވާލާދީ އަދުރޭ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެއިން ނުހެދޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އަދުރޭ އެގޮތަށް ވިދާޅުވި އިރު، ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު މިއަދު "ސަން" އަށް ވިދާޅުވީ، ރައީސް ޔާމީންގެ ޓެސްޓްތަށް ރާއްޖެއިން ނުހެދޭނެ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމުގެ މައުލޫމާތު އޭނާ އަށް ލިބިފައި ނުވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ހާލުކޮޅާ މެދު ކަންބޮޑުވެ، އެކަމާ ގުޅޭގޮތުން "ހިނގަން ޖެހޭ ހުރިހާ މަަގަކުން ހިނގިއްޖެ" ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް އަލިމަގެއް ނުފެންނަ ކަމަށެވެ.
"ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލު ކުރިން. ހޯމް މިނިސްޓަރާ ބައްދަލުކުރެވޭ ތޯ މަސައްކަތް ކުރިން. ކަރެކްޝަންސްގެ ވެރިމީހާ އާ ބައްދަލު ކުރެވޭތޯ މަސައްކަތް ކޮށްފިން. ފޯނަކަށް ޖަވާބެއް ނުދެއްވާ. އެޗްއާރުސީއެމް އަށް އަޅުގަނޑުމެން ހިނގައްޖެއިން. ދެވެން އޮތް ހުރިހާ ދިމަދިމާއަކަށް ދެވިއްޖެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މި ސަރުކާރަކީ އިންތިހާބުގެ ކުރިން އެންމެ ގަދައަށް ދެއްކި ވާހަކަ އަކީ ހަމަހަމަ ކަން ގާއިމު ކުރުމާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ވާހަކަ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުގެ ތިބި ފަރާތްތަކުގެ ފަރާތުން އެ މަންޒަރު ނުފެންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ހައްޔަރު ކުރީ އިދިކޮޅު ކޯލިޝަންގެ މަޖިލިސް ކެމްޕެއިން އަށް ހުރަސް އަޅާ އަދި މަޖިލީހުގެ މެޖޯރިޓީ އިދިކުޅު ކޯލިޝަނުން ނަގާފާނެތީ ކަމަށް ބުނާ ބުނުން އަދުރޭ ތަކުރާރު ކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާ އިދިކޮޅު ޕީޕީއެމްގެ ފައިސާ އަދިވެސް ދީފައިނުވާތީ އެކަމުގެ ކަންބޮޑުވުންވެސް އަދުރޭ ފާޅުކުރެއްވިއެވެ.
ޕީޕީއެމްގެ ފައިސާ އިލެކްޝަންސް ކޮމިޝަނުން ހިފެހެއްޓީ އެ ޕާޓީގެ މަސައްލައެއް އޭރު ސުޕްރިމް ކޯޓުގައި ކުރިއަށް ދިއުމުގެ ސަބަބުންނެވެ. ނަމަވެސް ހުކުމަށް ފަހު އެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.