އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕުކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގެ ވޯޓުކަރުދާސް ޗާޕުކޮށްދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާނު ބާތިލް ކޮށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރާ ކަމަށެވެ.

ވޯޓު ކަރުދާސް ޗާޕުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ބިޑު ކުރާ ކުންފުނިތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 35،000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށް އިއުލާނުގައި ވެއެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ކަމަސްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކޮށްދިނުމަށް ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވަނީ ނޮވެލްޓީ އާއި އެމް7 އިންނެވެ. އެމް7 އަކީ ރިޔާސީ އިންތިހާބުގައިވެސް ވޯޓު ކަރުދާސް ޗާޕުކޮށްދިން ކުންފުންޏެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގައި ޖަހާ ފަހަގަ ފޮހެވުނު ވާހަކައާއި ޖަހާ ފާހަގަ ތިރިއަށް ފޭބި ވާހަކަ ދެކެވުނެވެ. ނަމަވެސް ވޯޓު ކަރުދާސްތައް ނައްތާލުމުގެ ކުރިން އިލެކްޝަންސް އިން ވަނީ ކަރުދާސްތައް ނޫސްވެރިންނަށް ދައްކާލައިފައެވެ. ވޯޓު ކަރުދާހުގައި އުޅޭކަމަށް ބުނި އެއްވެސް ކަމެއް އޭރު ފާހަގައެއް ނުވެއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހާ ގުޅޭގޮތުން އިލެކްޝަންސް އިން ބުނެފައިވަނީ ވޯޓު ކަރުދާހުގައިވާ ސެކިއުރިޓީ ފީޗާގެ އިތުރުން، އިތުރު ޔަގީންކުރުމެއް ހިމެނުމަށްޓަކައި ކޮންމެ ވޯޓު ކަރުދާހެއްގައި އިލެކްޝަންސް ކޮމިޝަނުން ތައްގަނޑެއް ޖަހާނެ ކަމަށެވެ.

މި ތައްގަނޑު ޖެހުމުގެ ބޭނުމަކީ ވޯޓު ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާހެއްކަން، ވޯޓު ފޮށި ބަލަހައްޓާ މީހާއަށް ފަސޭހައިން ޔަގީންވާނެ ގޮތެއް ހެދުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވޯޓު ކަރުދާހުގެ ޕްރިންޓިން މަސައްކަތް ކުރާ ތަނާއި ސެކިއުރިޓީ ރޫމުގައި ވޯޓު ކަރުދާސްތައް ބަހައްޓާ އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.