11 Mar 2019, 16:21
ހުސްވި ސަރުކާރުގެ ގޮދެރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން އާއިލާ ބަޔަކަށް ފްލެޓް ލިބިފައި ވަނީ އެ ފަރާތްތަކުގެ ޝަރުތު ހަމަވާތީ ކަމަށް ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސްޓޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޔަޒީދު އެހެން ވިދާޅެފައި ވަނީ އޭނާގެ އާއިލާގެ 10 މީހަކަށް ފްލެޓް ދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން އާއިލާގެ އަށް މީހަކަށް ފްލެޓް ލިބިފައިވާ އިރު އޭގެ ތެރޭގައި، ޓީޗަރުންނާއި އެއް ކޮޓެރީގެ ކެޓަގަރީން ފްލެޓް ލިބުނު މީހުން ހިމެނޭ ކަމަށް ޔަޒީދުގެ ބަޔާނުގައިވެ އެވެ. އަދި އެއީ ފޯމް ލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ވެސް ފްލެޓް ދިން ދެ ކެޓަގަރީ ކަން ޔަޒީދު ފާހަގަކުރެއްވި އެވެ.
ދެން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެކަކީ ގުޅީ ފަޅުން ފްލެޓް ގަތް މީހުނަށް ބަދަލުގެ ގޮތުގައި ފްލެޓް ލިބުނު މީހެއް ކަމަށް ޔަޒީދުގެ ބަޔާނުގައިވެ އެވެ. ދެން ތިބު މީހުންނަކީ މާލޭގައި އެތައް ދުވަހެއް އުޅެ ދަރިން ތިބި މީހުން ކަމަށް ޔަޒީދު ފާހަގަ ކުރެއްވި އެވެ.
"މީގެ ތެރޭގައި ނުކުޅެދޭ ކުއްޖަކު ވެސް ހިމެނޭ. މިދެންނެވި އަށް މީހުންނަކީ ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުން،" އެ މީހުންގެ ތަފްސީލުހިއްސާ ކޮށް ޔަޒީދު ނެރެފައިވާ ބަޔާނުގައިވެ އެވެ.
އޭނާގެ އާއިލާ އަކީ 200 އަށް ވުރެ ގިނަ މީހުން ހިމެނޭ ބޮޑު އާއިލާއެއްކަން ފާހަގަކޮށް ޔަޒީދު ވިދާޅުވެފައި ވަނީ، އޭގެ ތެރެއިން އަށް މީހަކަށް ފްލެޓް ލިބިފައި ވަނީ އޭނާގެ ނުޒޫޒުން ކަމަށް ބުނުމަކީ އަގުވައްޓާލުމުގެ ބޭނުމުގައި ރާވައިގެން ކޮށްފައިވާ 'ދަށު ދަރަޖައިގެ' އަމަލެއް ކަމަށެވެ.
"ކޮމިޝަނަރު ޖެނަރަލް އޮފް ޓެކެސޭޝަން އަށް ވުމުން އެހެން މީހުނަށް ލިބޭ ހައްގުތައްއާއިލާގެ މީހުނަށް ދިވެހި ރައްޔިތަކަށްވީތީ ލިބެންވާ ހައްގުތަކުން އެމީހުން މަހްރޫމް ވާންޖެހޭ ސަބަބެއް ނޫން،" ޔަޒީދުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ފުލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.