14:30


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެންނަން އުޅޭ މައްސަލައިގެ ރިޕޯޓް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ނުގެންގޮސް، މަޖިލީހުގެ ތަޅުމުގައި ދިވެހި ދައުލަތް ބަރަހަނާކޮށްލުމަށް، ކޮމިޓީގެ މުގައްރިރު އަބްދުﷲ ޔާމީނަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.


ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއެކު އެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ، ހުޅުހެންވޭރު ދާއިރާގެ މެބްބަރު ރީކޯ މޫސާ މަނިކު ރޭ ވިދާޅުވީ، ކޮމިޓީން ރިޕޯޓް އެކުލަވާފައި ކޮންމެވެސް ފަރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާފައި ވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށް، މަޖިލީހުގެ ބާރު ބޭނުންކޮށްގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


ނަމަވެސް މޫސަގެ އެ ވާހަކަ ޔާމީން ވަނީ ދޮގު ކުރައްވައިފަ އެވެ. ޔާމީން މިއަދު ވިދާޅުވީ، ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެންނަން އުޅޭ މައްސަލަ ގައުމީ ސަލާމަތާބެހޭ ކޮމިޓީން ބެލުމަށްފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓް މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ކަމަށެވެ.


ސަރުކާރު ހިންގުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާކަން ފާހަގަކުރައްވައި މޫސަ ރޭ ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންތައްތަކެއް ޝަރުއީ ދާއިރާއިން ވަނީ ބަލައިފައި ކަމަށެވެ. ނަމަވެސް އެއިން ބޭފުޅަކު ޝަރީއަތާ ހަމައަށް ގެންދެވިފައިނުވުމުގެ ނަތީޖާއަކަށް ވަނީ ދައުލަތް ހިންގުމަށް ބަޔަކު ހުރަސްތައް ކުރިމަތިކުރުން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެންކަމުން އެކަންތައްތައް ބެއްލެވުމަށް އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބޭފުޅުންނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށް މޫސަ ވަނީ ގޮވާލައްވައިފަ އެވެ. އަދި އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމުގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވާފައިވާ ލިއުންތަކުގައި ނައީމާ ބެހޭގޮތުން ހިމެނޭ ކަންތައްތައް ހުރީ ކޮން މަގަކުންތޯ، ޝަރީއަތުން ބައްލަވައި ހާމަކުރުމަށް ވެސް މޫސަ އެދި ވަޑައިގެންނެވި އެވެ.


އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށހަޅާފައިވާތީ، މޫސަ ވިދާޅުވީ، އެ މައްސަލައަކީ ސަރުކާރުގައި މަޝްވަރާ ކުރެވެމުންދާ ކަމަކާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެންބަރުންނަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، ވަކި މީހެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ލައިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ލާރި ނެގުމަށް ކަމެއް ކުރަން އުޅެގެން ނުވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހަށް ކުއްލިއަކަށް ކަންކަން ވައްދަނީ ލާރި ހޯދަން ކަމުގެ މަންޒަރު ފެންނަމުންދާ ކަމަށާއި، ލާރި ވަދެގެން އެ މަސައްކަތް ފަށައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާއާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ގޯސްވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އެ މައްސަލަ އަކީ ޑީއާރުޕީން މަޖިލީހަށް ވެއްދި މައްސަލައެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.