ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދު ކުރި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމަރު ކުރީ އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެ ދައުލަތުން އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުމުންނެވެ. އެ އަމުރު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މިއަދު އެމަނިކުފާނުގެ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ، އެ އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމިން ބަންދުކޮށްފައި ހުރީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައެވެ.

އެމަނިކުފާނު ބަންދު ކުރި ފަހުން ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވެއެވެ. އެމަނިކުފާނު އެޑްމިޓު ކުރީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައެވެ.