11 Mar 2019, 13:03
ދިއްލީ (މާޗް 19): އިންޑިއާގެ އާއްމު އިންތިހާބު ފަށާނީ އަންނަ މަހު 11އިގައި ކަމަށާއި، ވޯޓު ގުނަން ފަށާނީ މެއި 23ގައި ކަމަށް އެގައުމުން އިއުލާންކޮށްފި އެވެ.
ނިއު ދިއްލީގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނާ ސުނިލް އަރޯރާ ވިދާޅުވި ގޮތުގައި އިންތިހާބު ބާއްވާނީ ހަތް ފޭސްއަކަށް ބަހާލައިގެންނެވެ. އެއީ އަންނަ މަހު 11، 18، 23، 29، އަދި މެއި މަހުގެ ހަޔެކާއި 12އިގަ އެވެ. އަދި ވޯޓު ގުނުމާއި ނަތީޖާ ފާޅު ކުރުން އޮންނާނީ މެއި 23ގަ އެވެ.
އެއިންތިހާބުގައި އިންޑިއާގެ ޕާލިމެންޓުގެ ތިރީގޭގެ 545 ގޮނޑީގެ ތެރެއިން 543 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. ބާކީ ދެ ގޮނޑިއަކީ އެންގްލޯ-އިންޑިއަން ދަރިކޮޅުގެ މީހުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި އެވެ. އަދި އެ ދެ ގޮނޑިއަށް މެމްބަރުން ނޮމިނޭޓު ކުރައްވާނީ އިންޑިއާގެ ރައީސެވެ.
އެއިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ވާދަ ކުރައްވާނެ އެވެ. އަދި ވެރިކަން ކުރާ ބީޖޭޕީގެ ކޯލިޝަނާ އެންމެ ގާތުން ވާދަ ކުރާނީ ރާހުލް ގާންދީ އިސްކޮށް ހުންނަވާ ކޮންގްރެސް ޕާޓީގެ ކޯލިޝަނުންނެވެ.
އިންޑިއާގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ބީޖޭޕީ އިސްވެ އޮންނަ ކޯލިޝަނުންނެވެ.