11 Mar 2019, 09:55
ކުއަލަލަމްޕޫރު (މާޗް 11): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބޭފުޅު ކިމް ޖޮންގް ނަމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އިންޑިނޭޝިއާގެ ސިތީ އައިޝާ ދޫކޮށްލައިފި އެވެ.
ތޭރަ ފެބްރުއަރީ 2017ގައި ކިމް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް އޭނާގެ މޫނުގައި ނުރައްކާތެރި ކެމިކަލެއް ހާކައިގެން އަވަހާރަކޮށްލި ކަމުގެ ދައުވާ ކޮށްފައި ވަނީ ސިތީ އައިޝާ އާއި ވިއެޓްނާމްގެ ދޮއާން ތީ ހުއޮންގްގެ މައްޗަށެވެ.
ނަމަވެސް އިއްޔެ ޕްރޮސެކިއުޓަރުން ވަނީ ސިތީ އައިޝާއާ ދެކޮޅަށް ކުރި މަރުގެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އޭނާ ދޫކޮށްލަން ނިންމަވައިފަ އެވެ. ސިތީ އައިޝާގެ މައްޗަށް ކުރި މަރުގެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕްރޮސެކިއުޓަރުން ވިދާޅުނުވެ އެވެ. އަދި އޭނާއާ ދެކޮޅަށް އާ ހެކި ލިބިއްޖެ ނަމަ، އޭނާ އަނެއްކާ ވެސް ހައްޔަރު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސިތީ އައިޝާ އާއި ދޮއާން ތީ ހުއޮންގް ވަނީ އެދެ މީހުންގެ މައްޗަށްކޮށްފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އަދި ކިމްގެ މޫނުގައި އެއްޗެއް ހާކާފައި ވަނީ ޓީވީ ޝޯއެއް ހިންގާ ބަޔަކު ބުނެގެން ކަމަށް ބުނެފަ އެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ކިމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ އެވެ. ނަމަވެސް އެގައުމުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ކިމް ޖޮންގް ނަމް ވަނީ އުތުރު ކޮރެއާގައި އޮތް އާއިލީ ވެރިކަމަށް މީގެ ކުރިން ފާޑު ވިދާޅުވެފަ އެވެ. އަދި ކޮއްކޯފުޅު، ކިމް ޖޮންގް އުންއަށް ގައުމު ހިންގުމުގެ ގާބިލުކަން ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.