އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް ޓެގްކޮށް އެ ކޮމިޝަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައްވެސް އެ ކޮމިޝަނުން ބަލަމުން ދާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ކޮރަޕްޝަން ހިމެނޭ މައްސަލަތައް މިހާތަނަށް އެންމެ ގިނައިން އޭސީސީއަށް ހުށަހަޅާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް މުއައްވިޒް ވިދާޅުވިއެވެ. މުއައްވިޒް އެހެން ވިދާޅުވީ އިއްޔެ އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ކޮމިޝަނަށް އަމިއްލަ ފަރާތްތަކުން ހުށަހަޅާފައި ހުރި ޝަކުވާތަކަށްވުރެ ގިނައީ ކޮމިޝަނުގެ ސޯޝަލް މީޑިއާ މެދިވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް ގެނެއްސަ ހުރި ޝަކުވާތައް. އޭގެ މާނައަކީ ފޭސްބުކް ޓްވިޓާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް ގެނައި މައްސަލަތަކޭ." މުއައްވިޒު ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭސީސީގެ ސަމާލުކަމަށް ގެންނަ މައްސަލަތައްވެސް އެ ކޮމިޝަނުގައި ރެޖިސްޓްރީކޮށް ބަލަމުންދާ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ މަޖިލިސް އިންތިހާބާ ބެހޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ރިޝްވަތު ދިނުމަށް ނުވަތަ ރިޝްވަތުގެ ގޮތުގައި ދޭން ހުށަހަޅާ މައްސަލަތައް ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކޮރަޕްޝަނުގެ ކިތައް މައްސަލަ ހުށަހަޅާފައިވާ ކަމެއް ސާފެއް ނުވެއެވެ. މުއައްވިޒު ވިދާޅުވީ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި އަދި އެއްވެސް މައްސަލައެއްގެ ތަހުގީގު ނުނިމޭ ކަމަށެވެ.

"ބައެއް ކަންތައްތައް އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބައެއް ދިމަދިމާލުގައި ހިނގާ ކަންތައްތައް އަޅުގަނޑުމެން ވާނެ ހުއްޓުވާފައި،" އޭސީސީގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް ކޮރަޕްޝަނުގެ މައްސަލަތައް ގިނަ އަދަދަކަށް ފާހަގަކުރެވޭކަން އޭސީސީން ބުންޏެވެ. އަދި އެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް އޭސީސީން ދަނީ މައުލޫމާތު ދިނުމާއި ލީފުލެޓް ތައްޔާރުކޮށް ބެހުމުގެ މަސައްކަތްތަކެއްވެސް ފަށާފައެވެ.