ރާމަﷲ (މާޗް 10) : ފަލަސްތީނުގެ ބޮޑުވަޒީރު ކަމަށް ފަތުހު ޖަމާއަތުގެ އިސް ބޭފުޅެއްކަމަށްވާ މުހައްމަދު އިޝްތިޔާ އިޚްތިޔާރުކޮށްފި އެވެ.

ފަލަސްތީނުގެ ރިޔާސަތުން ބުނީ ބޮޑުވަޒީރު ކަމަށް އިޝްތިޔާ އިޚްތިޔާރުކޮށް ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް މަހްމޫދު އައްބާސް، ރަސްމީގޮތުން އިޝްތިޔާއާ ހަވާލުކުރައްވައިފި ކަމުގަ އެވެ. ރައީސް މަހްމޫދު އައްބާސްގެ ފަތުހު ޖަމާއަތުގެ މަރުކަޒީ ކޮމިޓީން ވެސް ވަނީ މިކަން ކަށަވަރުކޮށް ދީފަ އެވެ.

އެކޮމިޓީގެ މެންބަރެއް ކަމަށްވާ ޙުސައިނުއްޝައިޚް ވިދާޅުވީ ރައީސް އައްބާސްގެ އެދިވަޑައިގަތުމުގެ މަތިން ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ފަތްހު ޖަމާއަތުގެ އިސް ބޭފުޅެއްކަމަށްވާ މުހައްމަދު އިޝްތިޔާ އާދީއްތަ ދުވަހު ފައްޓަވާފައިވާ ކަމުގަ އެވެ.

ފަލަސްތީނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރާމީ ހަމްދުﷲ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ފަލަސްތީނުގެ ހުރިހާ ޖަމާއަތެއް ހިމެނޭގޮތަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ފާއިތުވި ދެތިން އަހަރު ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. މިކަން ނާކާމިޔާބުވީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްފަދަ ޖަމާއަތްތައް ހިމަނައިގެން ފަލަސްތީނުގެ ސަރުކާރެއް އެކުލަވާނުލުމަށް އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރައީސް މަހްމޫދު އައްބާސް އަށް ކުރަމުންގެންދާ ފިއްތުންތަކާ ދެމުން ގެންދާ އިންޒާރުތަކާ ގުޅިގެން އެ ޖަމާއަތްތަކަށް ދޫދެއްވަން ރައީސް އައްބާސް ބޭނުންފުޅުނުވުމުގެ ސަބަބުންނެވެ.

އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމުގެ ދަށުގައި ފަލަސްތީނު އޮތުމުގެ ސަބަބުންނާއި ފަލަސްތީނުގެ ބިންތަކަށް އިސްރާއީލު ވެރިވެގަތުމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގައި ރިޔާސީ އިންތިޚާބެއް ވެސް އަދި ޕާލަމެންޓްރީ އިންތިޚާބެއްވެސް ވަނީ ބޭއްވޭނެ ގޮތްވަނީ ނުވެފަ އެވެ. ރައީސް މަހްމޫދު އައްބާސްގެ ރިޔާސަތުގެ އިންތިޚާބީ ދައުރު ވެސް ނިމިފައިވާތާ މިހާރު ވަނީ 10 ވަރަކަށް އަހަރުވެފަ އެވެ. އަދި ފަލަސްތީނުގެ ޕާލަމެންޓްގެ އިންތިޚާބީ ދައުރު ވެސް ނިމިފައިވާތާ ވަނީ 10 ވަރަކަށް އަހަރުވެފަ އެވެ.

ނަމަވެސް އިންތިޚާބު ބޭއްވޭ ފަދަ މާހައުލެއް ނެތުމުން އައްބާސް ވެސް އިންތިޚާބަކާނުލައި ހުންނަވަނީ ފަލަސްތީނުގެ ރައީސްކަމުގެ މަގާމުގަ އެވެ. އަދި ޕާލަމެންޓް ވެސް ދެމި އޮންނަނީ އިންތިޚާބަކާނުލަ އެވެ. (ނޫސްއެޖެންސީތައް)