10 Mar 2019, 19:49
ޖުމްހޫރީ ޕާޓީގެ މިނިސްޓަރުން އެ ޕާޓިން ރޭ ނިންމި ނިންމުމަށް ފާޑު ކިޔަނީ މިނިސްޓަރު ކަމުގެ މަގާމު ދިފާއު ކުރަން ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކު މަސައްކަތް ކުރަން ނިންމުމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް މިނިސްޓަރުން ވަނީ ފާޑު ވިދާޅުވެފައެވެ.
ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަދުރޭ ވިދާޅުވީ، ޖޭޕީގެ އެ ނިންމުމަށް އެ ޕާޓީގެ މިނިސްޓާރުން ފާޑު ކިޔަނީ އެ ޕާޓީގެ ފިކުރުގެ ބައެއް ނޫން ކަމަށާއި އެ މިނިސްޓަރުންނަށް ގައުމަށް ވުރެ ވަޒީފާއަށް އިސްކަން ދެއްވާތީ ކަމަށެވެ.
"[ޖޭޕީގެ ނިންމުމަށް ފާޑުކީ] ކޮންމެ ބޭފުޅަކީވެސް ތަފާތު އެކި ފިކުރުތަކެއް ގެންގުޅުއްވާފައި ތިބި ބޭފުޅުން. އެހެން ވީމަ އެބޭފުޅުންނަށް އެހާ ފަސޭހަފުޅު ނުވަނީ. ވަޒީފާއަށް އިސްކަންދެއްވީ ގައުމަށް ވުރެ،" އަދުރޭ ވިދާޅުވިއެވެ.
"ޖޭޕީން މިއަދުގެ ސަރުކާރުގައި އޮވެފައި، އެބޭފުޅުން [މިނިސްޓަރުން] ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ގަންނަ ކަމަަށް ވަންޏާ އެހެން ވިދާޅުވުމަކީ އެކަށީގެންވާ ކަމެއް. އެއީ މަގާމު ދިފާއު ކުރުމަށް ދައްކާ ވާހަކަ،"

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ ބައިވެރިން ދޫކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ފިކުރާ އެކު ނުދާނެ ކަމަށެވެ.
އަލީ ވަހިދުގެ އެ ޓްވީޓަށް ފާޑު ވިދާޅުވެ، އަދުރޭ ވިދާޅުވީ، އަލީ ވަހިދަކީ އެއް ފިކުރެއްގައި ދެމި ހުރެވޭނެ ބޭފުޅެއް ނޫން ކަމަށާއި އަލީ ވަހީދު ހުންނެވި ފިކުރެއް އަލީ ވަހީދަށް ވެސް ބުނެދޭން ނޭނގޭނެ ކަމަށެވެ.
"އަލީ ވަހީދު ފުރަތަމަ މަޖިލީހަށް އިންތިހާބުވީ، ޑީއާރުޕީގެ ޓިކެޓްގައި. [ޑީއަރުޕީން] ބަދަލުވީ އެމްޑީޕީ ފިކުރަށް. އެމްޑިޕީގައި މަސައްކަތް ކުރެއްވުމަށްފަހު ދެން ބަދަލުވީ ޖުމްހޫރީ ޕާޓީއަށް. އެހެން ޖެހެމުން ނެއްޓުމުން ދާ ބޭފުޅަކަށް އަސްލު ނޭނގޭނެ މިވެނީ ފިކުރެއްގެ މީހަކު މަސައްކަތް ކުރައްވާނީ މިހެންނޭ،" އަލީ ވަހީދަށް ފާޑު ވިދާޅުވެ އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިސްކަންދެއްވަނީ ގައުމަށް ކަމަށާއި ގާސިމް އެ ނިންމުން ނިންމެވީ އެމަނިކުފާނު ގައުމު ދެކެ ލޯބި ވާތީ ކަމަަށެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ނިންމުން ގަބޫލުނުކޮށް މިއަދު ޓްވީޓްކޮށްފައިވާއިރު، އެޕާޓީގެ ނައިބު ލީޑަރު އަދި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުވެސް ވަނީ ޖުމްހޫރީ ޕާޓީގެ އެނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޑރ. ހުސައިން ރަޝީދު ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ، ހަގީގީ ޖުމްހޫރީ ޕާޓީގެ މެމްބަރަކު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާ 32 ދާއިރާ އަށް ތާއީދުކުރެއްވުމަށް ރޭ ވަނީ ނިންމަވާފައެވ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ 27 ދާއިރާ އަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރެ އެވެ.