10 Mar 2019, 11:40
ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ދޭ ހަ މަސް ދުވަސް ދޭނީ ޗުއްޓީ ދުވަސްތައްވެސް ހިމަނައިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން އެ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާއި ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއެކު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފަކު ބަލިވެ އިނދެ 27 ހަފްތާގެ ފަހުން ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތްނަމަ ވަޒީފާ އާ ބެހޭ ގާނޫނުގެ 43 ވަނަ މާއްދާއާ އެއްގޮތަށް ބަންދު ދުވަސްތައް ނުހިމަނާ 60 ދުވަހުގެ ޗުއްޓީއެއް މުސާރައާއެކު ލިބޭނެއެވެ.
ސިވިލް ސާވިސްގައި އަމަލު ކުރަމުްނ އަންނަ ގޮތަށް ބަލާއިރު ބަލިވެ އިނުމުން ވަޒީފާއަށް ނުކުތުމަށް ސިއްހީ ހާލަތު ތަންނުދޭ ކަމަށ،ް ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ނުހިގާގޮތަށް 28 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
އަނބިމީހާ ވިހެއުމުން ފިރިމީހާއަށް ދޭ ޕެޓާނިޓީ ލީވް ދޭނީވެސް ބަންދު ދުވަސްތައް ހިމަނައިގެންނެވެ. ޕެޓާނިޓީ ލިވްގެ ގޮތުގައި 30 ދުވަސް މުސާރަ ހިނގާގޮތަށް ދޭނެއެވެ. އެގޮތުން ފިރިހެން މުވައްޒަފަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް ވަޒީފާ އާއި ބެހޭ ގާނޫނުގައި ބުނާގޮތުގެ މަތިން ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް ތިން ދުވަހުގެ ޗުއްޓީއެއް އަދި މި ތިން ދުވަސް ހަމަވުމަށްފަހު ދަރިފުޅަށް ހަތްމަސް ވުމާ ދެމެދު 27 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން ލިބޭނެއެވެ.
މައިންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަމަސް އަދި ބައްޕައިންނަށް އެއް މަހުގެ ޕެޓާނިޓީ ލީވް ދޭގޮތަށް ހަމަޖައްސާ އެކަން އިއުލާނު ކޮށްފައިވަނީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ދޭ ރެެހެންދި އެވޯޑު ދިނުމަށް މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މީގެ އިތުރުން ހަ މަސް ނުވާ ދަރިން ތިބިނަމަ، އެކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެ ކުދިންގެ މައިންބަފައިންނަށް ވެސް ޗުއްޓީ ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މައިންނަށް ހަ މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު އަދި ބައްޕައިންނަށް މުސާރަ އާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ވަޒީފާގައި އުޅޭ އަންހެނުންގެ ތެރެއިން ދަރިން ލިބުމުން ވަޒީީފާ ދޫކޮށްލާ މީހުންގެ އަދަދު ގިނަ ކަމަށާއި އެކަން މަދު ކުރުުމަށް ކުޑަ ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދެ ޗުއްޓީ ދިނުމުގެ ސިޔާސަތަށް ސަރުކާރު ކުންފުނިތަކުންވެސް އަމަލު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިއާއެކު އެސްޓީއޯ، އެމްއޭސީއެލ،ް ސްޓެލްކޯ އަދި އެޗްޑީސީ އިންވެސް ވަނީ މި ސިޔާސަތަށް އަމަލުކުރަން ފަށައިފައެވެ.