ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވެލަކާނޯ ބަލިކޮށް ބާސެލޯނާއިން އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑަކާ އެކު ހަމަޖެހިލި އިރު ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް، ލެގަނެސް ކައިރިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ރަޔޯ ވެލަކާނޯގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މެސީގެ ޖާދުލާ އެކު ބާސެލޯނާ ރޭގެ މެޗުން މޮޅުވެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑަކާ އެކު ހަމަޖެހިލި އިރު ދެވަނައިގައި އޮތް އެތުލެޓިކޯ އަށް ތާވަލުގެ 13 ވަނައިގައި އޮތް ލެގަނަސް ކައިރިން މޮޅުވެވުނީ 0-1 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރޭ ކުޅުނު މެޗުގައި ރަޔޯ ވެލަކާނޯ ކޮޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ / ނިކޮލަސް މެގީ

ބާސެލޯނާއިން ރޭގެ މެޗު ވަރުގަދަ ކަމާއި އެކު ފެށި ނަމަވެސް ލިބުނު ފުރުސަތެއްގައި ރަޔޯގެ ފޯވާޑް ރައުލް ޑެ ތޯމަސް ވަނީ ގޯލެއް ޖަހައި ބާސެލޯނާއަށް ސިހުން ގެނުވާފަ އެވެ. އެކަނި މާ އެކަނި ދެ ކުޅުންތެރިން ނެއްޓުވުމަށް ފަހު ރައުލް ފޮނުވާލި ބާރު ހަމާލާ ދިޔައީ ބާސެލޯނާގެ ކީޕަރި ޓާ ސްޓެގަން ގެ އަތް ދަށުންނެވެ.

އެ ގޯލާ އެކު ބާސެލޯނާއިން ދިޔައީ ރަޔޯގެ ގޯލަށް އިންތިހާއަށް ނުރައްކާ ކުރަމުންނެވެ. ރަޔޯގެ މުޅި ޓީމު ކަހަލަ ގޮތަކަށް ޑިފެންސް ކުރުމުގައި އަވެދި ނެތި އުޅުނު ނަމަވެސް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލަށް ވަދެ ނަތީޖާ ހަމަހަމަ ވެފައެވެ.

ބާސެލޯނާގެ އެންމެ ވަރުގަދަ އެގާރައާ އެކު ކުޅުނު އެ މެޗުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. އެ ގޯލާ އެކު މެސީ މި ސީޒަނުގައި ލީގުގައި ޖަހައިދިން ގޯލުގެ އަދަދު ވަނީ 26 އަށް އަރައިފަ އެވެ. ޔޫރަޕުގެ ޓޮޕް ސްކޯރާގެ އިތުރުން ޓޮޕް ސްކޯރާގެ އިތުރުން ޓޮޕް އެސިސްޓާގެ މަގާމުގައި ހުރި މެސީ ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ޔަގީން ކުރުމުގެ ގޮތުން ބާސެލޯނާއިން ވަނީ މެޗު ނިމުމުގެ ކުރިން ގޯލެއް ޖަހައިދީފަ އެވެ. ދެވަނަ ހާފުގެ ފަހުކޮޅު ކުޅެން ނުކުތް އީވާން ރަކިޓިޗްއާއި ލުއިސް ސުއަރޭޒްގެ ކޮމްބިނޭޝަނަކުން ޖެހި މި ގޯލު ލުއިސް ސުއަރޭޒް ޖެހި އިރު އޭނަ ވަނީ ސްޕެނިޝް ލީގުގައި އުރުގުއާއީގެ ކުޅުންތެރިއަކު ޖެހި އެންމެ ގިނަ ގޯލުގެ ލިސްޓުގެ އެއްވަނައަށް އެރުމާ ގާތަށް ޖެހިލައިފައެވެ. އެ މަގާމުގައި މިވަގުތު ޑިއޭގޯ ފޯލާން ހުރީ 128 ގޯލާއި އެކު އެވެ. ސުއަރޭޒް މިހާތަނަށް 127 ގޯލު ޖަހާފައި ވެއެވެ.

މީގެ އިތުރުން މިވަގުތު ސްޕެނިޝް ލީގުގެ ތާވަލުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އިން ވަނީ ލެގަނޭސް ބަލިކޮށް ބާސެލޯނާއަށް އެއްވަނައިގައި ލީޑު ފުޅާ ކުރަން ނުދީ ހިފަހައްޓައިފަ އެވެ.

އެތުލެޓިކޯއާއި ލެގަނެސް ރޭ ބައްދަލު ކުރި މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ގޯލު، ސައުލް ނިގުއެޒް ޖަހައިދޭ މަންޒަރު --- ފޮޓޯ / މެޓް ޑޯމަން

އެ މެޗުގެ ފުރަތަމަ ހާފު އެއްވެސް ގޯލެއް ނުޖެހި ނިމުނު ނަމަވެސް އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ވަނީ ދެވަނަ ހާފު ފެށުމުގެ ކުރިން ބަދަލު ކޮށްފައެވެ. ބެލެވޭ ގޮތުގައި ކޯޗުގެ އެ ގޮތަށް ނިންމީ މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މެޗު ކުޅެން އޮތުމުންނެވެ. ފުރަތަމަ ލެގުގައި 0-2 ގެ ނަތީޖާ އަކުން ޔުވެންޓަސް އަތުން އެ ޓީމު މޮޅުވެފައި އޮތް ނަމަވެސް ދެވަނަ ލެގުގައި ޔުވެންޓަސް ދަނޑުގައި މެޗު ކުޅެން ޖެހުމުން އެތުލެޓީކޯއަށް ވަރަށް ބޮޑަށް ޕްރެޝަރު އޮންނާނެ އެވެ.

ގްރީޒްމަން ނެތި ދެވަނަ ހާފަށް އެތުލެޓިކޯ ނުކުތް ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ސައުލް ނިގުއެޒް ވަނީ ގޯލެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ލިބުނު ޕެނަލްޓީ ފޮނުވާލުމުން ރިބައުންސްއައަ ނުކުތުމުން އޭނަ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.