10 Mar 2019, 11:22
އަންހެނުންގެ ދުވަހާ ގުޅިގެން އައިޖީއެމް އަދި ވިލިމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ ދީފިއެވެ.
ތިން ކެޓަގަރީއަކަށް ބަހާލައިގެން މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުންދީފައެވެ. އެ ކެޓަގަރީތަކަކީ ގޯލްޑަން ސްޓާ، ރައިޒިން ސްޓާ އަދި ޝޫޓިން ސްޓާ އެވެ.
ހިދުމަތުގެ ރޮނގުން ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ 10 މުވައްޒަފުންނަށް ހަނދާލީ ލިޔުން އަދި ޓްރޮފީ ދީފައިވާއިރު އިސްނަންގަވައި ކަންތައްތަކުގައި ބައިވެރިވި 10 މުވައްޒަފަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އަދި ހިންގުމުގެ ދާއިރާއިން ފާހަގަވާ 10 މުވައްޒަފުންނަށްނަށް ވަނީ ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައެވެ.

މުވައްޒަފުންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކުރަނީ-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާން މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ވިދާޅުވީ މުޖުތަމައުގައި ހިތްވަރު ލިބިގެންދަނީ އަންހެން ކަނބަލުންގެ ފަރާތުން ކަމަށާއި އެ މީހުންނަކީ ވަރުގަދަ ގުރުބާނީތަކެއް ވަމުން އަންނަ ބައެއް ކަމަށެވެ.
"އެ މީހުންނަކީ ވަރުގަދަ ގުރުބާނީތަކެއް ވަމުން އަންނަ ބައެއް. އެ މީހުން ކުރާ ކޮންމެ މަސައްކަތަކީ ބުރަ މަސައްކަތެއް،"

ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު އަވްޝަން
މާލޭ ހޮސްޕިޓަލްސް ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ އެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ކަނބަލުންގެ ނިސްބަތަކީ 80 އިންސައްތަ ކަމަށާއި އެ އަދަދަކީ ފަހުރުވެރިވާންޖެހޭ އަދަދެއް ކަމަށެވެ.
އައިޖީއެމްއެޗްގައި ޖުމްލަ 1115 އަންހެން މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު ވިލިމާލޭ ހޮސްޕިޓަލްގައި 50 އަށް ވުރެ ގިނަ އަންހެން މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ތިން ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ.

މުވައްޒަފުންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކުރަނީ-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އަންހެނުންގެ ދުވަހާ ގުޅިގެން އައިޖީއެމްއެޗްއިން އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަދު ހެނދުނު ވަނީ ކަނބަލުންނަށް މާ ހަދިޔާކޮށްފައެވެ.