10 Mar 2019, 11:11
ސަރުކާރު ހިންގާ ކޯލިޝަން ދެމިއެބައޮތް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ފަހު ވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިންނާއެކު މަސައްކަތް ކުރެވޭނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގެ ބައިވެރިން ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ނިކުންނަވަނީ ވަކިވަކިންނެވެ. އެކަމާ ގުޅިގެން ކޯލިޝަންގެ ބައިވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
ރޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރާ ކަން އިއުލާން ކުރެއްވުމަށް އެ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ކޯލިޝަންގެ އެގްރިމަންޓްގެ ބަޔަކާ ހިލާފުވުމަކީ މުޅި ކޯލިޝަން ނެތުމެއް ނޫން ކަމަށާއި ނަމަވެސް މަޖިލީހުގައި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރައްވާނެ ގޮތާ މެދު އިތުރު ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށެވެ.
"ކޯލިޝަންގެ އެގްރިމަންޓްގެ ބަޔަކާ ހިލާފުވުމަކީ މުޅި ކޯލިޝަން ނެތުމެއްވެސް ނޫން. ރައްޔިތުންގެ މަޖިލިސް ތެރޭ ކުރެވޭ މަސައްކަތްތަކުގައި މިހާހިސާބުން އަޅުގަނޑުމެން އިތުރު ވިސްނުމަކަށް ދާން ޖެހިދާނެ،" ކޯލިޝަން ދެމި އެބައޮތް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވިއެވެ.

ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ކޯލިޝަންގެ ބަޔަކާ ހިލާފު ވުމަކީ މުޅި ކޯލިޝަން ރޫޅުމެއް ނޫން ކަމަށް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ގާސިމް ވިދާޅުވީ، ކޯލިޝަން އެގްރިމަންޓާ އެއްގޮތަށް މަޖިލިސް އިންތިހާބަށް އެކުގައި ނުނިކުމެވުނު ނަމަވެސް އިންތިހާބަށް ފަހު ސަރުކާރު ކޯލިޝަންގައި މައްސަކަތް ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ މަޖިލިސް މެމްބަރުން ހޮވިގެން އައިސް ވެސް ސަރުކާރު ކޯލިޝަން ތެރޭ އަޅުގަނޑުމެން މަސައްކަތް ކުރާނަން. ގާނޫނު އަސާސީއާ ގާނޫނުގައި ބުނާ ހަމަ ތަކާއި މިންތަކުގެ ތެރެއިން،" ގާސިމް ވިދާޅިވިއެވެ.
ގާސިމް ވިދާޅުވީ، ކޯލިޝަން "ނެތެކޭ ނުދެންވޭނެ" ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިިޔާބު ކުރީ ކޯލިޝަނެއްގެ ތެރެއިން ރައްޔިތުންނަށް ރައްޔިތުންނަށް ޔަގީން ކަންދީ ވައުދުތަކެއް ވެގެން ކަމަށެވެ. އަދި ރައްޔިތުން ކޯލިޝަން ސަރުކާރާ ވެރިކަން ހަވާލު ކުރީ، މެނެފެސްޓޯ އެކުލަވާލާ އެ މެނިފެސްޓޯގައިވާ ކަންތައް ތަންފީޒު ކުރުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ކޯލިޝަން ދެމިއޮތްކަމަށް ގާސިމް ވިދާޅުވާ އިރު، އިއްޔެ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިހާރު ސަރުކާރު ކޯލިޝަނެއް ނެތް ކަމަށާއި ކޯލިޝަން ދެމިއޮތް ނަމަ ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަންއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ސަރުކާރު ކޯލީޝަންގެ ބައިވެރިންގެ މެދުގައި މަސައްލަތަކެއް ދިމާވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އައްޑޫ ސިޓީގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާއްގައި ވިދާޅުވީ، ސަރުކާރު ގެނައުމަށް ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތް ހަނދާން އެބަހުރި ކަމަށާއި އެ ފަރާތްތަކުން އެކުގައި ތިއްބެވުމަށް ރައީސް ގޮވާލެއްވިއެވެ.
ރޭ ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ 32 ދާއިރާ އަށް ތާއީދުކުރައްވައިފަ އެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ 27 ދާއިރާ އަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރެ އެވެ.