"ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަން ޝިދާތާ ޝަރީފް އެމެރިކާ އަށް ފުރާ ވަޑައިގެންފިއެވެ.

މިމަހުގެ 20ގެ ނިޔަލަށް މިނިސްޓަރު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63 ވަނަ ސެޝަންގައި ތަގުރީރުކުރައްވައި، އެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ އިތުރު އިވެންޓުތަކުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމެރިކާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައު ހުންނަވައި، ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސެންޝަންގައި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ބެއިޖިން ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޯ އެކްޝަނާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން (ސީޑޯ) ތަންފީޒުކުރަމުން ދާ މިންވަރާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ މި ދަތުރުފުޅުގައި އިކުއަލިޓީގެ ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ރާއްޖޭން ކުރަމުން ދާ މަސައްކަތްތަކާއި، ބޭރުގެ ގައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އަދި މި ގާނޫނުގައި ކަނޑައަޅައިފައިވާ ކަންކަން ތަންފީޒުކުރުމަށް ބާރުއެޅުމަށްޓަކައި ކުރަމުން ދާ މަސައްކަތްތައް ވެސް ހިއްސާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.