10 Mar 2019, 10:25
މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ހިނގާފައި ދިޔަ މީހަކަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު އައިސް ތޫނު އެއްޗަކުން ހަމަލާދީ، އޭނާގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ އިންޑިއާ ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއް މިއަދު ހެނދުނު 09:53 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހެލްމެޓް އަޅައިގެން ތިބި ބަޔަކު އިންޑިއާ މީހާ އަތުން ފޭރިގެންފައިވަނީ އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން ބޭރު މީހާއަށް ހަމަލާ ދިނުމަށްފަހު ފިލާފައިވާކަމަށެވެ. އަދި އަނިޔާ ލިބުނު ބޭރު މީހާ މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންނެވެ.
އެ މައްސަލައިގައި އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ހެލްމެޓް އަޅައިގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ، އޭނާ އަތުން ފައިސާތަކެއް ފޭރިގަތް އިރު، ރޭ 12:00 އިން ފެށިގެން ސިނަމާލެ ބްރިޖާއި ހުޅުމާލެ ހައިވޭގައި ސައިކަލު ދުއްވުމަށް ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.