10 Mar 2019, 08:59
ގާނޫނު އަސާސީއާ ހިލާފަށް މަޖިލިސް ނުހިންގޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފި އެވެ.
ރައީސް ސޯލިހް އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އިއްޔެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު އަސްލަމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ހިނގާފައި ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ނޫން ކަަމަށް ބުނެ ކޯލިޝަން މެމްބަރުންނަށް ވަނީ ފާޑު ވިދާޅުވެފައެވެ.
ރައީސް ސޯލިހް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ، ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭ ހިމެނޭ ގާސިމް ވިދާޅުވީ، އެހާ ގިނަ ދުވަހު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވުމުން ހައިރާން ވެވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ގާނޫނު އަސާސީއާ ހިލާފަށް ނުހިންގޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"މަޖިލީހުގެ ކަންތައް ހިނގަނީ އަޅުގަނޑުމެން ވި ވައުދާ އަހުދާ އެއްގޮތަކަށް ނޫން ކަމަށް [ރައީސް ސޯލިހް] ވިދާޅުވިއިރު އަޅުގަނޑު ހިތަށް އަރާ، ރައްޔިތުންގެ މަޖިލީހުގައި އެހާ ގިނަ ދުވަހު އުޅުއްވި ބޭފުޅަކު އެގޮތަށް އެވާހަކަފުޅު ދެއްކެވީމަ އަޅުގަނޑު މިއިނީ ހައިރާން ވެފަ،" ރައީސް ސޯލިހް އައްޑޫ ސިޓީގައި އިއްޔެ ދެއްކެވި ވާހަކަފުޅުތަކަށް ރަދު ދެއްވައި، ގާސިމް ވިދާޅުވިއެވެ.

ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ: މަޖިލީހާ ގުޅޭގޮތުން ރައީސް ސޯލިހް ދެއްކެވި ވާހަކަ ތަކަށް ގާސިމް ރައްދު ދެއްވި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސްއަހްމަދު އަވްޝަން އިލްޔާސް
"އަޅުގަނޑަކަށް މަޖިލިސް ނުހިންގޭނެ ގާނޫނު އަސާސީއާ ހިލާފަކަށް [އަދި] އެއްވެސް ތަނެއް. ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ވެެގެން ވޭ، ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމުރުކޮށްފި ނަމަ އެ އަމުރަށް ކިޔަމަން ނުވުމަށް،" ގާސިމް ވިދާޅުވިއެވެ.
އިއްޔެ އައްޑޫ ސިޓީގައި ކޯލިޝަން މެމްބަރުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވާ އިރު، ސަރުކާރުންގެ ފަރާތުން ހުށަހަޅާފައިވާ ބިލްތައް ފާސްވުން ލަސްވުމުން ރައީސް ސޯލިހް ވަނީ މީގެ ކުރިން ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
"ކޮމިޝަންތަކަށް ބާރުދޭ ބިލް ގާނޫނު އަސާސީގެ ރޫހާ ހިލާފު"
ކޮރަޕްޝަނާއި މަރުތައް ބެލުމަށް ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލް ވަނީ ފާސްވާ ގޮތެއް ނުވެފައެވެ.
ގާސިމް ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލް ގާނޫނު އަސާސީއާ ގެ ރޫހާ ހިލާފު ކަމަށެވެ.
"ގާނޫނު އަސާސީގައި ބުނޭ، ގާނޫނު އަސާސީން މޭންޑޭޓް ދީފައިވާ އެއްވެސް ތަނެއް ޑުޕްލިކޭޓްވާ ގޮތަށް އެ ބާރުވެރިކަން ނުދެވޭނޭ އެއްވެސް ތާކަށް. ކޮމިޝަނުގެ ބިލުގައި މި އޮންނަނީ، ޕީޖީ އޮފީހުން ކުރާ ތަހުގީގުގެ ބައި، އޭސީސީން ކުރާ ތަހުގީގުގެ ބައި، އެޗްއާރުސީއެމް އިން ކުރާ ތަހުގީގުގެ ބައި [އަދި] ފުލުހުން ކުރާ ތަހުގީގުގެ ބައި، ހުރިހާ [މުއަސަސާތަކުގެ ބާރު] އެއްކޮށްލާފައި އެ ބާރުވެރިކަން މި އޮންނަނީ [ރިޔާސީ] ކޮމިޝަނަށް ދީފަ،" ކޮމިޝަނަށް ބާރުދޭ ބިލް ގާނޫނު އަސާސީގެ ރޫހާ ހިލާފުވާ ސަބަބު ބަޔާންކޮށް ގާސިމް ވިދާޅުވިއެވެ.
"އެ އައްޔަން ކުރެއްވި ފަސް މެމްބަރުން ނުވަތަ ހަތް މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިސް ދަންނަ ބައެއް ނޫން،"

ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ގާސިމް ވިދާޅުވީ، ރާއްޖޭގެ ރައީސް ކަން ކުރެއްވި އެހެން ރައީސުންވެސް ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ރިޔާސީ ކޮމިޝަންތައް ހެއްދެވި ކަމަށާއި ނަމަވެސް އެއްވެސް ރައީސަކު އެ ކޮމިޝަންތަކަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދިނުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެެ.
"ސުވާލަކީ މިހުރިހާ މުއައްސަސާތަކުން ކުރާ ކަންތައްތައް އެއްތަނަކުން ކުރުމަށް އައުމުން މި އަންނަނީ ކޮންދިމާލަކަށް ހެއްޔޭ. ގާނޫނު އަސާސީއާ ހިލާފު ނުވޭހޭ. ގާނޫނު އަސާސީގެ މެންޑޭޓު ލިބިފައި ހުރި ކަންތައްތައް ޑުޕްލިކޭޓް ކުރަން،"
ގާސިމް ވިދާޅުވީ އެގޮތަށް އެކަން ކުރެވޭނަމަ ކުރެވޭނަމަ، ރައްޔިތުންގެ މަޖިލިސް ކަންކުރަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުން ގޮތަށް ނޫން ކަމަށް ވިދާޅުވެ، އެ އުސޫލުން ދެވަނަ ރައްޔިތުންގެ މަޖިލީހެއް ވެސް އުފައްދަވަންވީ ނޫންތޯ ކަމަށާއި ނުވަތަ ދެވަނަ ޖުޑިޝަރީ އެއްވެސް އުފެއްދެވިދާނެތޯ ގާސިމް ސުވާލު އެފެއްދެވި އެވެ.
"ކޮމިޝަންތަކަށް ބާރުދޭ ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް އޭރުވެސް ދެންނެވިން"
ގާސިމް ވިދާޅުވީ، ކޮމިޝަންތަކަށް ބާރުދޭ ބިލް ފުރަތަމަ އައި ގޮތް ފެނިއްޖެ ނަމަ ހައިރާން ވާނެ ކަމަށާއި ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި ފުރަތަމަ ވެސް އެ ބިލް އެ ގޮތަށް އޮތުމުން ދެކޮޅު ހެއްދެވި ކަމަށެވެ.
"[ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕުގައި] އެބޭފުޅުން އެ ބިލް ހުށަހެޅީމަ އަޅުގަނޑު ދެންނެވި ތި ބިލް ގާނޫނު އަސާސީއާ ހިލާފޭ. ތި އޮތްގޮތަށް [ބިލް] އެޖެންޑާވެސް ނުކުރާނެމޭ. އިސްލާހު ކުރާށޭ. ފުރަތަމަ އައި ބިލް ފެނިއްޖެ ނަމަ ހައިރާން ވާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކޮމެޓީ މަރުހަލާގައިވެސް އެ ބިލްގެ އެެހެން ޑްރާފްޓެއް ފޮނުވި ކަމަށާއި ނަމަވެސް އޭރުވެސް އޮތީ ގާނޫނު އަސާސީގެ ރޫޙާ ހިލާފަށް ކަމަށެވެ.
ކޮމިޝަނަށް ބާރުދޭ ބިލް ކޮމެޓީން ނިންމި ގޮތަށް ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން އެޖެންޑާ ކުރިއެވެ. ނަމަވެސް ގާނޫނީ އަދަދަށް ބޭނުންވާ މެމްބަރުން ހަމަ ނުވެގެން ވޯޓަށް އެހޭ ގޮތް ވަނީ ނުވެފައެވެ.
އެންމެ ފަހުން މިދިޔަ މަހު 27 ވަނަ ދުވަހު އެ ބިލް ވޯޓަށް އެހުމަށް އެޖެންޑާ ކުރި ނަމަވެސް ފަހުން އެ ބިލަށް ވޯޓަށް އެހުން އެޖެންޑާ އިން ވަނީ ނަގާފައެވެ. މަޖިލިސް ރިޔާސަތުގައި އެދުވަހު އިންނަވައިގެން އެޖެންޑާއިން ބިލު ނެގި ސަބަބު ހާމަ ކުރައްވައި ގާސިމް ވިދާޅުވީ ކޮމެޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވަނީ މިނިވަން މުއަސަސާތަކާ ބޭހޭ ކޮމެޓީން ނިންމެވި ގޮތަކަށް ނޫން ކަމަށް ބުނެ ކޮމެޓީ މެމްބަރުން މައްސަލައެއް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ ބިލު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.