10 Mar 2019, 00:51
ރައީސުލްޖުމްހޫރިއްޔާ ކަން ކުރުމަށް ގާނޫނު އަސާސީގައި ދީފައިވާ ފަސް އަހަރުގެ ދައުރު ހަމަވަންދެން މަޑު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދައުރުގެ މެދުން ވެރިކަން ކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަަކަށް ވުމަށް ރައީސް ނަޝީދު އުޅުއްވާ ކަމަށް މީގެ ކުރިން ގާސިމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މިރޭ ޖުމްހޫރީ ޕާޓީ މައި އިދާރާ، ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ވެރިކަން ކުރެއްވުމަށް ފަހު ނަޝީދު އުޅުއްވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް އަންނަން ކަމަށާއި ފަސް އަހަރުވަންދެން މަޑު ނުކުރެވޭނެ ކަމަށް ނަޝީދު އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ.
"[ރައީސް ނަޝީދު] ރީތިކޮށް ސާފުކޮށް ބުނިވެސްމެ އަޅުނޑުމެން ކައިރީ، ތިމަންނާ ބޭނުން ވަނީ. ތިމަންނާ އަކަށް ފަސް އަހަރުވަންދެން ނުހުރެވޭނެއޭ. އަޅުގަނޑު ކާއިރީ ބުނި ޔޫރަޕުގައި ހުއްޓާ ފޯނުކޯލެއްގައި" ރިޔާސީ އިންތިހާބުގެ ކުރީގައި ޔޫރަޕްގައި ހުންނަވަނިކޮށް ފޯނުން ގުޅުއްވައި ނަޝީދު އޭނާ ގާތުގައި ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ބަރުލަމާނީ ވެރިކަމެއް ގެންނަން މިއުޅެނީ ކީއްވެގެންތޯ. [ރައީސް] ސޯލިހަކީ އެމްޑީޕީ މެމްބަރެއް ނޫން. ރައީސް ނަޝީދު އެ އުޅުއްވަނީ ވެރިކަން ކުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަންނަން. އައީމާ ދެން ކިހިނެއްތޯ ކަންތައް ވެގެން ދާނީ. ބަރުލަމާނީ އަކަށް ބަދަލުވީމާ އޭނަ އަމިއްލައަށް ޕްރައިމް މިނިސްޓަރު [ބޮޑު ވަޒީރަކަށް] ވާން އެ އުޅެނީ،"

މިރޭ ޖުމްހޫރީ ޕާޓީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
މަޖިލިސްގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ބަޣާވާތު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލުމަށް ކުރާ ހުރިހާ ރޭވުމެއްގެ އަޑީގައި ހުންނަވާނީ ރައީސް ނަޝީދު ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.
މިހާރު ވެސް މި ސަރުކާރު ހަލާކުކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު[ގެ ސަރުކާރު] ވައްޓާލުމަށް ކުރާ ހުރިހާ ރޭވުމެއްގެ އަޑީގައި ރަނގަޅަށް ވިއްޔާ ހުންނާނީ އޭނަ [ރައީސް ނަޝީދު]. އަޅުގަނޑުމެން އަދި ކަމެއް ކުރަން އުޅޭކަން އެގިވަޑައިގަނެއް ނޫން. ހަމަ ގައިމު ވެސް ނުކޮށެއް ނުހުންނާނެ،" ގާސިމް ވިދާޅުވި އެވެ.
"ކާކުތޯ ބަޣާވަތް ކުރަން އުޅޭނީ އޭނަ [ރައީސް ނަޝީދު] އަމިއްލައަށޭ ބަޣާވާތް ކުރަނީ. ދެން ވެސް ކުރާނީ އޭނާ. [ބަޣާވާތް ކުރަން] ރާވާނީ ވެސް އޭނާ،" ގާސިމް ވިދާޅުވީ އޭނާ ބަޣާވަތް ނުކުރައްވާ ކަމަށެވެ.
މިރޭ ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ 32 ދާއިރާ އަށް ތާއީދުކުރައްވައިފަ އެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ 27 ދާއިރާ އަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރެ އެވެ.