09 Mar 2019, 23:55
ޖުމްހޫރީ ޕާޓީގެ އަސްލު މެމްބަރަކު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވޯޓު ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ 32 ކެންޑިޑޭޓަކަށް ތާއީދު ކުރަން ޖޭޕީއިން ވަނީ ނިންމައިފަ އެވެ. އަދި މިރޭ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ކެންޑިޑޭޓުންގެ ތަފްސީލުވެސް ހާމަ ކުރައްވައިފަ އެވެ.
އަދި މިއަދު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދުޅުވެފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަން މިހާރު ރޫޅިފައިވާ ކަމަށެވެ.
އަބްދުއްރަހީމަށް ރައްދު ދެއްވައި މިރޭ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، މާތްﷲގެ އިރާދަފުޅާ އެކު ސަރުކާރު ހިންގާ ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށެވެ. އަދި "ވީހާލެއްގައި ވެގެންވެސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޖޭޕީގެ ހަގީގީ މެމްބަރަކު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މެމްބަރަކަށް ވޯޓެއް ނުދޭނެ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވިދާޅުވި އެވެ.
Hon.Abdul Raheem@Banafsaaah thiyagothah gaboolu kurevunas, insha'Allah, Sarukaaru Coalition uvigeneh nudhaane eve. Veehaalehgai vegenves insha'Allah Raees@ibusolihge sharukaaru dhifaau kuraanameve. Aslu JP meehaku PPM/PNC akah voteh nudheyne igeythoa?https://t.co/RovNJcroUi
— Hussain R. Hassan (@DrHussainHassan)March 9, 2019
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީއިން ނިންމާފައިވާ އިރު އެ ކޯލިޝަނުން ވަނީ ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފަ އެވެ.
ޕީޕީއެމް-ޕީއެންސީއާ އެކު މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ޖެހުނީ ސަރުކާރު ހިންގާ ކޯލިޝަނުން ޖޭޕީ މަގުމަތިކޮށްލުމުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ އެހެން ވިދާޅުވަނީ، ކުރިން ކޯލިޝަން ޕާޓީތަކުން އެއްބަސްވި ގޮތާ ހިލާފަށް، އެމްޑީޕީއިން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަ ކުރުމަށް ނިންމުމުންނެވެ.