09 Mar 2019, 23:34
ބަޣާވަތް ކުރެއްވިނަމަ ބަޣާވާތެއް ކުރީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވި އިރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާ ގުޅިގެން ފެބްރުއަރީ ހަތް ވަަނަ ދުވަހު ރައީސް ކަމުން އިސްތިއުފާ ދެއްވި އެވެ. އެމްޑީޕީން އެއީ ބަޣާވާތެއްކަމަށް އަދިވެސް ސިފަކުރަމުންދާއިރު، އެ ކަންތައް ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
އެމްޑީޕީ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ދެންވެސް ސަރުކާރު ބަޣާވާތަކުން ވައްޓާލާނެ ކަމަށެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ބަޣާވާތެއް ބަޔަކު ކުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބަޣާވާތެއް ކުރި ނަމަ ކުރީ ރައީސް ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަތް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު މީހުންގެ ބޮލުގައު ބަދުނާމު އަޅުވަނީ ކަމަށް ގާސިލް ވިދާޅުވިއެވެ.
"ބަޣާވާތެއް ކުރެއްވިއްޔާވެސް ކުރެއްވީ ރައީސް ނަޝީދު. ރައީސް ނަޝީދަށް ސަރުކާރެއް ހިންގަން ނޭނގިގެން، އަމިއްލަ އަށް އައްދޯ ކިޔާ، މުސާރަ ދޭނެ ގޮތް ނޭނގިގެން. އަސްލު ހަގީގަތަކީ އެއީ. އޭނަ [ރައީސް ނަޝިދު] އަމިއްލަ އަށް އެ ގަނޑުގަނެފަ އެގޮތަށް ނިންމާލެއްވީ. އެހެން މީހުންގެ ބޮލުގަ ބަދުނާމު އަޅުވަނީ،" ރައީސް ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވި އިރު އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުންނެވި ގާސިމް ވިދާޅުވިއެވެ.
"ކާކުތޯ ބަގާވަތް ކުރަން އުޅޭނީ އޭނަ [ރައީސް ނަޝީދު] އަމިއްލައަށޭ ބަގާވާތް ކުރަނީ. ދެންވެސް ކުރާނީ އޭނާ. [ބަގާވާތް ކުރަން] ރާވާނީ ވެސް އޭނާ،" ގާސިމް ވިދާޅުވީ އެމަނިކުފާނު ބަގާވަތް ނުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން ފާނޑިޔާރަކު ހައްޔަރު ކުރުމުން އެ ލިބުނު "ނިކަމަތި ކަމާއި ވޭނުގައި" ރައްޔިތުންގެ އިތުބާރު ސަރުކާރުގެ މައްޗަށް ގެއްލިގެން ދިޔަކަމަށާއި ނަތިއްޖާ އަކަށްވީ ފަނޑިޔާރު މިނިވަން ކުރުމަށް ސަރުކާރާ ދެކޮޅަށް ބަޔަކު ނިކުންނަން ޖެހުން ކަމަށެވެ.
"ދެންވެސް ސަރުކާރު ވައްޓާލާ ނަމަ ވައްޓާލާނީ ރައީސް ނަޝީދު"
މަޖިލިސްގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާވެސް ބަޣާވާތު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލުމަށް ކުރާ ހުރިހާ ރޭވުމެއްގެ އަޑީގައި ހުންނަވާނީ ރައީސް ނަޝީދު ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.
މިހާރުވެސް މި ސަރުކާރު ހަލާކުކޮށްލުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު [ގެ ސަރުކާރު] ވައްޓާލުމަށް ކުރާ ހުރިހާ ރޭވުމެއްގެ އަޑީގައި ރަނގަޅަށް ވިއްޔާ ހުންނާނީ އޭނަ [ރައީސް ނަޝީދު] އަޅުގަނޑުމެން އަދި ކަމެއް ކުރަން އުޅޭކަން އެގިވަޑައިގަނެއް ނޫން، ހަމަ ގައިމުވެސް ނުކޮށެއް ނުހުންނާނެ،"ގާސިމް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް
"ކާކުތޯ ބަގާވަތް ކުރަން އުޅޭނީ އޭނަ [ރައީސް ނަޝީދު] އަމިއްލައަށޭ ބަގާވާތް ކުރަނީ. ދެންވެސް ކުރާނީ އޭނާ. [ބަގާވާތް ކުރަން] ރާވާނީ ވެސް އޭނާ،" ގާސިމް ވިދާޅުވީ އޭނާ ބަގާވަތް ނުކުރައްވާ ކަމަށެވެ.
ރައީސް ސޯލިހް ނިސްބަތްވާ އެޖެންޑާ19 އަށް ތާއީދު ކުރައްވަންތޯ "ސަން" އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، "އެމްޑީޕީގެ އެޖެންޑާ19 އެއީ އަޅުގަނޑު ދަންނަ އެއްޗެއް ނޫން،" ކަމަށާއި އެމަނިކުފާނު ތާއީދު ކުރެއްވީ ރައީސް ސޯލިހަށް ކަމަށެވެ.