09 Mar 2019, 22:45
ދ. ކަނޑިންމާގައި ހިންގާ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންތަކެއް ކެއި އެއްޗެއްގެ ސަބަބުން ވިހަވުމުން ފަރުވާ ދޭން ފަށައިފި އެވެ.
ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު "ސަން"އަށް ބުނީ ރޭ ރޭގަނޑުގެ ނާސްތާއަށް ކެއި އެއްޗެއްގެ ސަބަބުން ގާތްގަނޑަކަށް 15 ވަރަކަށް މުވައްޒަފުން ވިހަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބެލެވެނީ ރޭގަ ނެގި ޑިނާގައި ކޮންމެވެސް މައްސަލަތަކެއް ހުރެގެން ކަމަށް. ހެނދުނު މި މައްސަލަތައް ފާހަގަ ކުރެވުނީ. ގާތްގަނޑަކަށް އެބަ އުޅޭ 15، 16 މީހުން [ވިހަވެގެން]. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ،" އޭނާ ކިޔައިދިނެވެ.
އެ މުވައްޒަފުންގެ ކިބައިން ބޭރަށް ހިނގުމާއި ހޮޑުލެވުންފަދަ ކަންކަން ފެންނަމުންދާ ކަމަށް އޭނާ ކިޔައިދިނެވެ.
"ބޭރަށް ހިންގާ، ހޮޑުލެވި، ގައިގައި ވަރެއް ނެތި ތުރުތުރު އަޅަނީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ އެ މުވައްޒަފުންނަށް ފަރުވާ ދެމުން ދަނީ އެ ރިސޯޓުގައި ހުންނަ ކްލިނިކުގައި ކަމަށެވެ. އެ ކްލިނިކަކީ ފެންވަރު ރަނގަަޅުކޮށް ހަދާފައި ހުރި ތަނެއް ނަމަވެސް، އެތަން މިހާރު ފުރެމުންދާ ކަމަށް އޭނާ ބުންޏެވެ.
މިހާތަނަށް 70 އެއްހާ މުވައްޒަފުން އެ ކްލިނިކަށް ދައްކާފައިވާ ކަމަށާއި، ވިހަވުމުގެ އަލާމާތްތައް ފެންނަ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާ ކަމަށް އޭނާ ކިޔައިދިނެވެ.
"މިއަދު އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރަމުން ދިޔަ ކުއްޖަކުވެސް އުޅުނު ފަހުން ބަލިވެގެން،" އޭނާ ކިޔައިދިނެވެ.
ފަރުވާ ދެމުންދާ މުވައްޒަފުންގެ ތެރެއިން އެކަކު މާލެ ފޮނުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ފަރުވާ ދެމުންދާ މީހުންނަށް ރިސޯޓުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ކަނޑިންމަ ރިސޯޓުގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.