ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމެއް ބޭވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސް އޮފީހުގައި އެދިއްޖެ އެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އެދި މީގެ ދެ ހަފްތާ ކުރިން ރައީސް އޮފީހުގައި އެދިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް ޖަވާބެއް ލިިބިފައި ނުވާކަމަށެވެ.

ސިޔާސީ މަޝްވާރާ އެދުނު ސަބަބު ހާމަ ކުރައްވާ ކޮންގްރެސް ޕާޓީގެ ވަގުތީ ނައިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުއަހްމަދު ސައީދު ވިދާޅުވީ، އެގޮތަށް އެދިވަޑައިގަތީ، ރާއްޖޭގެ ހަމަޖެހުމަށްޓަކައި ކަމަށާއި ރާއްޖެއަށް އާންމުދަނީ ނުލިބޭ ގޮތަށް ސިޔާސީ ހަރާކަތް ހިންގާ ގައުމު ހަަކަބޮލި ކުރާކަށް ބޭނުން ނުވާތީ ކަމަށެވެ.

"އެއީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި. ރާއްޖެއަށް އާންމުދަނީ ލިބެން އޮންނަ ހަތަރު މަހަކު މި ސަކަރާތް ޖެހީމަ އަނެއްކާވެސް އާންމްދަނީ ނުލިބިދާނެ. އަޅުގަނޑުމެންނަކީ ރާއްޖެއަށް އާންމްދަނީއާއި ތިޔާގިކަން ގެންނަ ބޭނުންވާ މީހުން،" ސައީދު ވިދާޅުވިއެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސައީދު ވިދާޅުވީ، ގައުމު ހަލަބޮލި ނުކޮށް އެހެން ސަރުކާރައަށް ރައްޔިތުން ފުރުސަތު ދިނީ ހަމަޖެހޭ އުސޫލަކުން ގައުމު ހިންގަން ކަމަށެވެ. ސަރުކާރުގައި ތިބި ފަރާތްތައް އިދިކޮޅުގައި ތިބި އިރުވެސް އަދި މިހާރު ސަރުކާރުގައި ތިބޭ އިރުވެސް ބޭނުން ވަނީ ގައުމު ހަލަބޮލި ކުރަން ކަމަށާއި އެއީ ބިރުވެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަޝްވަރާ އަށް ގޮވާލެއްވީ، ކޮންކަމަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވަންތޯ "ސަން" އިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، މި ވަގުތަށް އެންމެ ކަންބޮޑުވާ ކަމަކީ ރައީސް ޔާމީން ޖަލުގައި ހުރުން ކަމަށާއި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށެވެ. އަދި އެނޫނަސް ސިޔާސީ ގޮތުން ރާއްޖެއަށް ދިމާވާ ކަންތައްތަކުގައި މަޝްވަރާ ކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ނުވަތަ "އޯލް-ޕާޓީ ޓޯކްސް" އަކީ ސަރުކާރުން އިންތިޒާމު ކޮށްގެން ސަރުކާރު ބައިވެރިވާ ގޮތަށް ހުރިހާ ސިޔާސީ ޕާޓީތަަކަށް ދައުވަތުދީ އެ ސިޔާސީ ޕާޓީަކާއެކު ކުރެވޭ މަޝްވަރާއެކެއެވެ. މިފަދަ މަޝްވަރާތައް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ވެސް ކުރިއަށް ގެންދިޔައެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވުމުން ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާނަށް ގުޅުއްވި ކަމަށާއި މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އަދި އެބައްދަލުވުން ހަމަ ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަދުރޭ ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ފޯނުން ގުޅުއްވި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.

"ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ވެސް [ނަޝީދާ] ވާހަކަ ދައްކަން ބޭނުން. ރައީސް ނަޝީދަކީ ހަމަހަމަކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ކަމަށް ދެއްކިގެން އުޅުއްވާ ބޭފުޅާ. އެހެން ވީމާ އެކަމާ ގުޅޭގޮތުން ވެސް ރައީސް ނަޝީދާ ވާހަކަ ދައްކަން. ނަމަވެސް ރައީސް ނަޝީދު އަޅުގަނޑުގެ ފޯނަކަށް ޖަވާބެއް ނުދެއްވާ،" ރައީސް ނަޝީދަށް ގުޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭނުން ވަނީ ހުރިހާ ސިޔާސީ ލީޑަރުންނާވެސް ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށާއި ވާހަކަ ދެއްކުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތައްޔާރަށް ހުންނެވި ކަމަށެވެ.