09 Mar 2019, 22:28
މީގެ ކުރިން އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަވެސް އެ ފަހަރު އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ނުވުމުން ދަތިތަކެއް ކުރިމަތިވި ކަމަށާއި އެހެންކަމުން މިފަހަރުގެ މަޖިލިސް މެޖޯރިޓީ އެފަރާތްތަކަށް ދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗުކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެތައް ގުނައެއް ފަސޭހަވެފައި ސްޕީޑް އަވަސް ވެގެންދާނެ ކަމަށެވެ.
"..މި ދާއިރާ މި ސިޓީގެ ކައުންސިލް އޮތީ އަޅުގަނޑުމެންނާއި އެކީގައި އާދެ އަޅެ ގޮތް ބަލާލަން މި ސިޓީގެ ހުރިހާ ގޮނޑިތަކެއް އަޅުގަނޑުމެނަށް ދެއްވަ ބައްލަވާށޭ. ތަފާތު އަޅުގަނޑުމެން ދައްކަވާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނަށް ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވުނީ އެތައް ބައެއްގެ ތާއީދާއެކު ކަން ހަނދާން ނުނެތޭ ކަމަށާއި އެކަން އެމަނިކުފާނުގެ ހިތްޕުޅުގައި އަބަދު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ޖުމްހޫރީ ޕާޓީ އާއިި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އާއި އަދިވެސް އެތައް ބައެއްގެ ވަރަށް ބުރަ މަސައްކަތް އޭގައި އޮތް. ސަބަބުތަކެއް ނެތިއެއް ނޫން އެ ބޭފުޅުން އެގޮތަށް ކަންތައް އެ ބޭފުޅުން ކުރެއްވީއެއް. އަޅުގަނޑު މިއަދުވެސް ތަކުރާރުކޮށް މި އަރުވަނީ އެއިން އެއްވެސް ބޭފުޅަކަށް އެއިން އެއްވެސް ޕާޓީއަކަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުން ދެރަ ގޮތެއް ނުވާނެ. ހަމަ ރަނގަޅު ގޮތްތައް އިރާދަކުރެއްވިއްޔާ ކުރިމަތިވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވެފައި މިވަނީ ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން އެކުގައި މަޖިލިސް އިންތިހާބަށް ނިކުތުމަށް މަޝްވަރާކޮށް އެކަން ކާމިޔާބު ނުވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ނިންމާފައި ވަނިކޮށެވެ.
އެމްޑީޕީ އަށް ނުވަތަ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވާ އިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައިވަކަން ކަށަވަރުކޮށްދީފަ އެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ.