09 Mar 2019, 19:14
އދ. ދަނގެތީ ދާއިރާއަށް، ޖުމްހޫރީޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ލަފާ ދީފި އެވެ.
"ނާޒިމް އަފާފު ފައުންޑޭޝަނުން" ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިކަންތައްތަކެއް ކޮށްދޭނެކަމަށް ބުނަމުންދާ ކަމަށް ބުނެ އެމްޑީޕީއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފަ އެވެ.
އެ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން އިއްޔެ އެމްޑީޕީއަށް، ފޮނުވި ސިޓީގައި އެމްޑީޕީއަށް ލަފާ ދީފައި ވަނީ ނާޒިމްގެ އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށެވެ. އީސީއިން ބުނެފައިވަނީ އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަހްގީގުކުރާނީ އޭސީސީއިން ކަމަށް، މިދިޔަ އަހަރު ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާކަމަށެވެ.
އެމްޑީޕީން އީސީއަށް ހުށަހެޅީ ނާޒިމުގެ ކެމްޕޭނު ވައިބާގްރޫޕެއްގައި، ދަނގެތީ ކައުންސިލަރު މުހައްމަދު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ "ހަނދުރުނބާގިޑިގޭ"ގެ ހުރިހާ ހަރަދެއް ފަންޑުކޮށްދެއްވީ ނާޒިމް އަފާފް ފައުންޑޭޝަނުން ކަމުގައި ބުނެފައިވާ މައްސަލަ އެވެ.
އެމްޑީޕީން އެ މައްސަލައިގައި ބުނެފައި ވަނީ ނާޒިމްގެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އެމްޑީޕީން ގަސްދުކުރާ ކަމަށެވެ.