ސަރުކާރު ހިންގާ ކޯލިޝަން މިހާރު ރޫޅިފައިވާ ކަމަށާއި ސަރުކާރު ކޯލިޝަނެއް މިހާރު ނެތް ކަމަށް އިދިކޮޅު ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، މިހާރު ސަރުކާރު ކޯލިޝަނެއް ނެތް ކަަމަށާއި ކޯލިޝަން ރޫޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަން ދޭހަވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެއްޓެވުމުން ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ގުޅިގެން ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ވަނީ ނިންމާފައެވެ.

އަދުރޭ ވިދާޅުވީ، ސަރުކާރު ކޯލިޝަން އެއްބަސްވުމާ އެމްޑީޕީން ހިލާފުވެފައިވާ ކަމަށާއި އެ ހިސާބުން ކޯލިޝަން ބާތިލް ވެފައިވާ ކަމަށެވެ.

"ކޯލިޝަން ރޫޅިފައި އޮތީމަ ނުންތޯ އަޅުގަނޑުމެންނާ އެކު ޖޭޕީ އިން [މަޖިލިސް އިންތިހާބުގައި] މަސައްކަތް ކުރުމަށް އެއްބަސް ވަނީ. އެއީ އެބޭފުޅުން [ޖޭޕީ އިން] އަމިއްލަފުޅަށް ވެސް ކޯލިޝަން އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާތީ،" ސަރުކާރު ކޯލިޝަން ދެމިއޮތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވިއެވެ.

"ކޯލިޝަން ނިމުނީ. ކޯލިޝަން ކަންތައް އެއޮތީ ގޮސްފައި،"

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އަދުރޭ ވިދާޅުވަނީ މިހާރު ކޯލިޝަނެއް ނެތް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަދުރޭ ވިދާޅުވީ، ކޯލިޝަން ރޫޅެން ޖެހުނީ ޖުމްހޫރީ ޕާޓީގެ ސަބަބުން ނޫން ކަމަށާއި "ގޯސް ހެއްދެވީ މިއަދުގެ ސަރުކާރުން، އެމްޑީޕީން" ކަމަށެވެ.

އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ނަގާނެ ކަމަށެވެ.

"ރޭގަ އެބޭފުޅުންގެ ލީޑަރު [ގާސިމް] އެކަން އެއޮތީ ރަސްމީކޮށް އިއުލާން ކުރައްވާފަ. މިރޭ ރަސްމީކޮށް ޕްރެސް އެއް ބާއްވާފަ އެ ވިދާޅުވަނީ [ޕީޕީއެމް/ޕިއެންސީ ކެންޑިޑޭޓުންނަށް ތާއިދު ކުރައްވާކަން] އަޅުގަނޑުމެންނަށް އޮތް ޔަގީން ކަމަކީ މިހާލަތުގައި ވެސް އަޅުގަނޑުމެންގެ ދެބައި މީހުން މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް،" އަދުރޭ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމަވާފައި ވާކަން އިއުލާން ކުރައްވާފައެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވަގުތުން ދޫކޮށްލުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ.

ރައީސް ޔާމީން ދޫކޮށްލެއްވުމަށް ގާސިމް ގޮވާލެއްވުމުން އަދުރޭ އެކަމަށް މަރުހަބާ ދެންނެވި އެވެ. އޭނާ ވިދާޅުވީ ގާސިމަކީ ގައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި ގައުމުގެ ހައްގުގައި ހައްގު ބަސް ބުނަން ގާސިމް ފަސް ނުޖެހޭނެ ކަމަށެވެ.

ގާސިމްއާ ރައީސް ޔާމީން ފިޔަވާ މި ގައުމުގެ ހައްގުގައި މަސައްކަތް ކުރާ އެހެން ސިޔާސީ ލީޑަރެއް ނެތް ކަމަށާއި އެ ދެ ބޭފުޅުން ގުޅިގެން މަޖިލިސް އިންތިހާބަށް ނިކުތުމުން ރައްޔިތުން އެބޭފުޅުނަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް އިދިކޮޅު ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންނުން ވަނީ ތާއީދު ކުރުމަށް ނިންމާފައެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތެރެއިން ޖުމްހޫރީ ޕާޓީން ތާއީދު ކުރައްވާ ކެންޑިޑޭޓުން މިރޭ އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.