09 Mar 2019, 13:02
މިރޭ 12 އަށްފަހު މާލެއާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި، ބްރިޖާ ގުޅިފައިވާ ހުޅުމާލެ ހައިވޭގައި ސައިކަލު ދުއްވޭނީ ހެލްމެޓު އަޅައިގެންކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް "ސަން"އަށް ވިދާޅުވީ، މިރޭ 12:00އިން ފެށިގެން ބްރިޖާއި ބްރިޖު ގުޅިފައިވާ ހައިވޭގައި ސައިކަލު ދުއްވޭނީ ހެލްމެޓު އަޅިއިގެން ކަމަށެވެ.
"މިރޭ 12ގެ ފަހުން ހެލްމެޓް ނާޅާ ބުރިޖަށް އަރާ ފަރާތްތައް ފުލުހުން ހުއްޓުވާނެ. ނަމަވެސް ފިޔަވަޅު އަޅަން ފަށާނީ އޭޕްރީލް އެކަކުން ފެށިގެން،" އާދިލް ވިދާޅުވިއެވެ.
ސައިކަލު ދުއްވަން އިންނަ މީހާއި ފަހަތުގައި އިންނަ މީހާވެސް ހެލްމެޓު އަޅަން މަޖުބޫރު ވާނެކަން އާދިލް ފާހަގަކުރެއްވިއެވެ. އަދި ފިޔަވަޅު އެޅުން އޭޕްރީލް އެކަކަށް ބަދަލުކުރީ ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާ ހެލްމެޓުތައް މިންގަނޑަށް ފެއްތުމަށް ކަމަށް އާދިލް ވިދާޅުވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ އެއް ވަނަ އިސްލާހު ގެނެސް އެ ގަވާއިދު ގެޒެޓްކޮށްފައެވެ. އެ ގަވާއިދުގައި ބުނެފައިވާ ގޮތުން، ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މާޗު 10 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނީ، އެޕްރީލް މަހުގެ އެއްވަ ދުވަހުން ފެށިގެންނެވެ.
ގަވައިދުގައި ބުނެފައި ވަނީ، 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. ދުއްވާ މީހާވެސް އަދި ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާވެސް އިންނަން ވާނީ ހެލްމެޓް އަޅައިގެން ކަމަށް ގަވައިދުގައި ބުނެއެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯމީޓަރާއި 40 ކިލޯމީޓަރުގެ ބާރު މިނުގައެވެ. އެހެން ކަމުން މި ގަވާއިދަށް ގެނައި އިސްލާހާ އެ ސަރަހައްދުގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.
މާލެ ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖު މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 40 ކިލޯމީޓަރުގެ ބާރު މިނުގައެވެ. އެހެން ކަމުން މި ގަވާއިދަށް ގެނައި އިސްލާހާ އެކު އެ ސަރަހައްދުގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.
އެ ގަވާއިދުގައި ވަކި ކަމަކާ ޚިލާފަށް އަމަލުކުރާ ފަރާތަކާ މެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ޚިލާފުވި ފަރާތް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ގަވައިދުގައި ބުނެއެވެ.
އެހެން ކަމުން ހެލްމެޓު އެޅުމަށް މަޖުބޫރުކޮށްފައިވާ ސަރަހައްދުގައި ހެލްމެޓް ނާޅާނަމަ 750 ރުފިޔާ އަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތު ފުރިހަމަ ނުވާނަމަ ވެސް ޖޫރިމަނާ ކުރާ އަދަދަކީ 750 ރުފިޔާ އެވެ.