މިހާރުގެ ސަރުކާރު ގެނައުމަށް ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތް ހަނދާން އެބަހުރި ކަމަށާއި އެ ފަރާތްތަކުން އެކުގައި ތިއްބެވުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހުޅުދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ދަތުރުފުޅަކީ އެމްޑީޕީގެ ކެމްޕޭން ދަތުރުފުޅެއް ކަމަށާއި ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޑައިގެންނެވި ނަމަ ގިނަ ވާހަކަތަކެއް ދައްކަވާނެ ކަމަށެވެ.

"އެހެން ނަމަވެސް މިއީ ކެމްޕޭނުގެ ދަތުރަކަށް ވާތީ ކޮންމެވެސް ވަރަށް އެ އަޅުގަނޑު ހިފަހައްޓައިގެން ކުރިއަށް ގެންދާނަން،" އެމްޑީޕީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އިލްޔާސް ލަބީބުގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރަޔާސީ އިންތިހާބްގައި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވައި ހޮއްވެވީ އެއީ "ސިފަ ރީތި، މާ ކުލަ އަލި" މީހަކަށް ވެގެން ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު ހޮއްވެވީ ވެވަޑައިގަތް ވައުދުތަކެއްގެ މައްޗަށް އެ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ރިޔަސީ އިންތިހާބު ކާމިޔާބުކުރުމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީއާ އެމްއާރުއެމްއާ އަދި އަމިއްލަ އެތައް ފަރާތްތަކަކުން ބުރަ މަސައްކަތްތަކެއް ކުރި ކަން އަބަދުވެސް ހަނދާން ބަހައްޓަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުވެސް ހުރިހާ ޕާޓީއެއްގެ ހުރިހާ ބޭފުޅުންނަށް މި ދަންނަވަނީ ތިއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން މިކުރާ މަސައްކަތުން ދެރަ ގޮތެއް ނުވާނެ އޭ. އަޅުގަނޑުމެންނާއި އެކު މިފަހަރު ތިއްބަވާށޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވެފައިމިވަނީ ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން އެކުގައި މަޖިލިސް އިންތިހާބަށް ނިކުތުމަށް މަޝްވަރާކޮށް އެކަން ކާމިޔާބު ނުވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ނިންމާފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންވެސް ދެ ފަރާތުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައިވަކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ.