09 Mar 2019, 13:19
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިންގަޕޫރަށް ވަޑައިގެން، އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ. މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ޝާހިދު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލަކްރިޝްނަންއާ ޝާހިދު ބައްދަލުކުރެއްވީ އިއްޔެއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކާ ބެހޭ މައުލޫމާތުތައް ސިންގަޕޫރުގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.
ދެގައުމުގެ މިނިސްޓަރުން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވައި، އަދި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ބާލަކްރިޝްނަން ވަނީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅެން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ރާއްޖެއިން ދުނިޔޭގެ ފެންވަރުގައި އިސްނަގާ އިސްނެގުމަށް ތައުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު އަރިހުގައި، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރު ޑރ. އަބްދުﷲ މައުސޫމާއި ސަފީރުގެ ނައިބު އީމާން ހުސައިން ބައިވެރިވެވަޑައިގަތެވެ.
ފޮރިން މިނިސްޓަރު ޝާހިދު ސިންގަޕޫރަށް ވަޑައިގެންނެވި އިރު، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރު ޑރ. އަބްދުﷲ މައުސޫމް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާ ހަލީމާ ޔައުގޫބަށް އެރުވީ މިދިޔަ ހަފްތާ ތެރޭގައެވެ.