އާލިއާ ބަޓް އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ހުނަރުވެރިއެއް އެކްޓަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

އުމުރުން އެންމެ 25 އަހަރު ނަމަވެސް އާލިއާ ވަނީ 'ޑިއާ ޒިންދަގީ'، 'ހައިވޭ'، 'ރާޒީ' އަދި އެންމެ ފަހުން ރިލީޒް ކުރި 'ގަލީ ބޯއީ' ފަދަ ފިލްމުތަކުން އޭނާގެ ހުނަރުވެރިކަން ދައްކައިފަ އެވެ.

އާލިއާ ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަނީ އޭނާގެ އަމިއްލަ ހުނަރުން ނަމަވެސް އޭނާގެ ގައިގައި އެޅިފައިވާ 'ނެޕޮޓިޒަމް'ގެ ޓެގު ނެއްޓޭ ގޮތެއް ނުވެ އެވެ. މި ފަހުން ބޭއްވި އައުޓްލުކް ބިޒްނަސް ވިމެން އޮފް ވޯޓުގައި އާލިއާ މިވަނީ ނެޕޮޓިޒަމް އާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

އެ މައުޟޫއަށް ވާހަކަ ދައްކަމުން އާލިއާ ބުނީ ފިލްމީ ދާއިރާގައި ނެޕޮޓިޒަމް އޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ފިލްމީ އާއިލާތަކަށް ނިސްބަތް ނުވާ މީހުންނަށް ފުުރުސަތު ލިބުން އުނދަގޫވުމަކީ ދެރަކަމެއް ކަމަށެވެ. ނަމަވެސް ފިލްމީ އާއިލާއަކަށް ނިސްބަތްވުމަކީ އަދި ފިލްމީ ދާއިރާގައި މީހަކު ކާމިޔާބު ވާނެ ސަބަބެއް ނޫން ކަމަށް ވެސް އާލިއާ ބުންޏެވެ.

އާލިއާ ބުނީ އެކްޓަރަކު ކާމިޔާބު މީހަކަށް ވާނީ ފިލްމު ބަލާ މީހުން އެމީހަކު ބަލައިގަތުމުން ކަމަށެވެ.

ފިލްމީ ދާއިރާއަކަށް ނިސްބަތްވީތީ ފިލްމަކުން ފުރުސަތު ލިބުނު ނަމަވެސް، ދާއިރާގައި ކުރިއަށް ދެވޭނީ ވަރަށް ބުރަ މަސައްކަތުން ކަމަށް އާލިއާ ބުންޏެވެ. އަދި އޭނާ އަކީ އެކްޓު ކުރުމަށް އިންތިހާއަށް ލޯބިކުރާ މީހެއް ކަމަށާއި، ފިލްމީ ދާއިރާއިން ފުރުސަތު ނުލިބުނު ނަމަ ވަރަށް ދެރަވާނެ ކަމަށެވެ.

"އެކަމަކު ފިލްމީ އާއިލާއަކަށް ނިސްބަތްވީތީ އަހަރެން މަޢާފަށް އެދޭކަށް ނުޖެހޭ. އެކަމަކު ކޮންމެ ދުވަހަކު ވެސް އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކޮށް، މިއީ އަހަންނަށް ހައްޤު މަގާމެއް ކަން ސާބިތުކޮށްދޭނަން،" އާލިއާ ބުންޏެވެ.

އާލިއާ އެންމެ ފަހުން ފެނިގެން ދިޔަ 'ގަލީ ބޯއީ' ގައި އޭނާ އަދާކުރި "ސަފީނާ"ގެ ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަ އިރު، އޭނާގެ އުންމީދީ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި 'ބްރަހްމާޝްތުރަ'، 'ތަޚްތު' އަދި 'ކަލަންކް' ހިމެނެ އެވެ.