ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު ގައުމީ ފެންވަރުގެ ކަބައްޑީ ކުޅުންތެރިއެއްގެ ރޯލު ކުޅުމަށް ތައްޔާރުވެއްޖެ އެވެ.

ކަންގަނާ ކަބައްޑީ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާނީ ޑައިރެކްޓަރު އަޝްވިނީ އިއްޔަރު ތިވާރީގެ ކުރިއަށް އޮތް ފިލްމު 'ޕަންގާ' އިންނެވެ.

ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 24 ގައެވެ. 'ޕަންގާ' އަކީ އާއިލީ ގުޅުންތަކުގެ މުހިންމު ކަމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ފިލްމާ ގުޅޭގޮތުން ކަންގަނާ ބުނީ އޭނާއަށް އަބަދު ވެސް އެންމެ މުހިންމީ އޭނާގެ އާއިލާ ކަމަށާއި އޭނާ މިހާރު ހުރި ހިސާބަށް އާދެވުނީ އާއިލާ އިން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

ފިލްމަށް އެއްބަސްވީ ފިލްމުގެ ވާހަކައިން އޭނާ އަށް ވަރަށް ބޮޑު އަސަރެއް ކުރުމުގެ އިތުރުން ޑައިރެކްޓަރު އަޝްވިނީއަށް ކުރާ އިތުބާރެއްގެ ސަބަބުން ކަމަށް ކަންގަނާ ބުންޏެވެ. ފިލްމުގައި ކަންގަނާ އާއެކު ދެން ފެނިގެން ދާނީ ރިޗާ ޗައްޑާ އަދި ނީނާ ގުޕްތާ ފަދަ ތަރިންނެވެ. އޭގެ އިތުރުން ޕަންޖަބީ ލަވަކިޔުންތެރިޔާ ޖައްސީ ގިލް ވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.