08 Mar 2019, 23:54
ކޯޓުތަކުގެ ތެރޭގައި މި ސަރުކާރުގެ ނުފޫޒު އޮތް ކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަދި ޖޭޕީގެ ޕާލިމެންޓަރީ ޕްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒުގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެ ވާހަކައިގެ ތެރެއިން ގާސިމް ވިދާޅުވީ، މި ސަރުކާރުން ވެސް ކޯޓުތަކަށް ނުފޫޒު ފޯރުވާކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ޖަލުގައި ތިބި ވާނުވާ ޖަހާފައި ތިބިި މީހުން ކިތަށް އަހަރު ތޯ؟ މީހުންގެ ހައްގުތައް ދަމައިގަނެގެން ސަރުކާރުން ދޭން ޖެހޭ ބަދަލު ނުދީ ކިހާ ދުވަހެއް ވެއްޖެތޯ؟ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިންމައި މިގޮތަށް ދިގުދަންމަމުން ދިގުދަންމަމުން ދާއިރު ސަރުކާރުގެ ނުފޫޒެއް އިންފްލުއެންސެއް ނެތްތޯ؟ އަޅުގަނޑަށް އެނގޭ އެބަ އޮތްކަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އެހެން ވިދާޅުވި އިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމިން ދޫކޮށްލުމަށް ވެސް އޭނާ މިރޭ ވަނީ ގޮވާލައްވާފަ އެވެ. އޭނާ އެކަމަށް ގޮވާލެއްވީ، ޖޭޕީގެ ހެންވޭރު އުތުރު ދާއިރާގެ ކެންޑިޑޭޓު އަލްހާން ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެވެ.
"އަނިޔާވެރިކަމުން ސަލާމަތް ކުރާށޭ ކިޔާފައި އެ ތޮފި އަޅައިގެން ތިބެ، ހައްގުގެ މަގު ހޯދައިދޭން ތިބެ، ދައްކާ ވާހަކައާއި ކުރާ ކަންތަކާ ދެކޮޅު ޖެހޭ ބާވައޭ އަޅުގަނޑުގެ ސުވާލަކީ. ކުރެވޭ ވައުދާއި އަހުދު ހަނދާން ހުރެވޭ ބާވައޭ އަޅުގަނޑުގެ ސުވާލަކީ،"
މިރޭ ގާސިމް ވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ކުރީގެ ރައީސުން ޖަލުގައި ބަންދުކުރުން ސަގާފަތަކަށް ވެފައިވާކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
ގާސިމް ވިދާޅުވީ، ދޫނިދޫ ޖަލު ގޮޅިއަކީ އޭނާގެ އެންމެ ދުޝްމަނު މީހާވެސް ބާއްވަން އެނާ ބޭނުންވާ ވަރަށް ވުރެ އަނިޔާވެރި ތަނެއް ކަމުގަ އެވެ. އަދި އޭނާގެ ވެރިކަމެއްގެ ހަތް ދުވަސް ތެރޭގައި ދޫނިދޫ ޖަލު ތަޅާލާނެ ކަމަށް ގާސިމް ވިދާޅުވި އެެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ކުރި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވެ އޭނާ ޖަލަށް ލުމަށްވެސް ހުކުމް ކުރި އެވެ. އަދި އޭނާގެ ދަރިކަލުން ސިޔާދުގެ މައްޗަށް ވެސް ދައުވާތަކެއްކޮށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ.
ގާސިމް ވަނީ ޖަލަށް ހުކުމް ކުރުމުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ޖަރުމަނުވިލާތަށް ވަޑައިގެންފަ އެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގަތުމަށްފަހު ހައިކޯޓުން ވަނީ ގާސިމްގެ ހުކުމް ބާތިލުކޮށްފަ އެވެ. ގާސިމް އެނބުރި ރާއްޖެ ވަޑައިގަތީވެސް ރިޔާސީ އިންތިހާބަށް ފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަ ކުރަން ނިންމުމާ އެކު ގާސިމް ވަނީ އިދިކޮޅު ޕީޕީއެމް-ކޮންގްރެސް ޕާޓީ ކޯލިޝަނާ އެކު މަޖިލީހުގައި ވާދަ ކުރައްވަން ނިންމަވައިފަ އެވެ. އެފަހުން އޭނާ ދަނީ އެމްޑީޕީއަށާއި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.