ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްގެން ޕާޓީން ވަކިކޮށްފި ނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެ ޕްރައިމަރީން އޭނާ ނާކާމިޔާބުވެވަޑައިގެންނެވި އެވެ.

ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ގެނެސްފައިވާ އިރު، ޖާބިރާއި އެހެން ދެ ފަރާތަކުން އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދިޔަ އެވެ. އެ ކޯޓުން ނިންމީ އެ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށާއި، އެހެންކަމުން އެ މާއްދާ ބާތިލުކަމަށެވެ.

ޖާބިރު ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން މީގެ ކުރިން ވަނީ، ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބަށް ވާދަކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

އެހެން ނަމަވެސް ޖާބިރު ވިދާޅުވީ އޭނާއާ މެދު މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި އެކަހަލަ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދައްކާ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީ މެމްބަރެއް. އަޅުގަނޑު ނުވެސް ކެނޑޭނެ އެމްޑީޕީންނެއް. އަޅުގަނޑު ކަނޑާކަށް ވެސް ނުޖެހޭނެ. އަޅުގަނޑު ކެނޑިއްޔާ ވެސް އަޅުގަނޑު ދާނީ ކޯޓަށް. އެކަން ވެސް އޮތީ އެގޮތަށް،" ސަން އޮންލައިންގެ "50 މިނިޓު" ޕްރޮގްރާމުގައި ޖާބިރު މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

"ކޮން ފިޔަވަޅެއްތޯ އަޅަން އޮންނާނީ. އެންމެ ފަހުން ވެސް އެމްޑީޕީއަށް އަޅާލާނެ މީހަކު ނެތުމުން އަޅުގަނޑު ލާރި ދީގެން އެމްޑީޕީ ކޮޅަށް ޖެހީ. ދެން ކޮން ފިޔަވަޅެއްތޯ އަޅުގަނޑާ ދޭތެރޭ އަޅަންވީ،" ޖާބިރު ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރައިމަރީން ބަލިވި ފަރާތްތައް، ކާމިޔާބުކުރި ކެންޑިޑޭޓުންގެ ފަހަތަށް އަރާވަޑައިގަތުމަށް ގޮވަލައްވައިފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަނުކުރެއްވުމަށް ވެސް ގޮވަލައްވައިފަ އެވެ.

ޖާބިރު ވިދާޅުވީ އެފަދައިން ގޮވާލުމުގެ ހައްގެއް ރައީސް ނަޝީދަށް ވެސް ލިބިގެން ނުވާނެ ކަމަށެވެ.

"ރައީސް ނަޝީދުގެ ހައްގެއް ނޫން އެހެން ވިާޅުވުމަކީ. ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ހައްގުގެ ތެރެއިން އޮޕަރޭޓުކުރަން ވާނީ. އެ މަނިކފާނު އެހެން ވިދާޅުވީ ވަކި މީހަކު [މަޖިލީހަށް] ނުލާށޭ [ވިދާޅުވުމަކަށް] ނޫން. ސިޔާސީ ގޮތުން ވިދާޅުވާން ޖެހޭ މިންވަރަށް އެހެން ވެސް ވިދާޅުވާނެތާ،" ޖާބިރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕްރައިމަރީން ބަލިވިޔަސް އިންތިހާބަށް ވާދަކުުރުމުގެ ހައްގަކީ އޮތް އެއްޗެއްކަން ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެއްވެސް މީހަކަށް އެ ހައްގު ހަނި ނުކުރެވޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ކުރިމަތިލާން ނުވަތަ ނުލާން އެހެން މީހަކަށް ނުނިންމޭނެ. އެއީ އަޅުގަނޑުގެ އަމިއްލަކަމެއް،" ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޖާބިރު ވިދާޅުވި އެވެ.