މުސްތަގުބަލުގައި ބާސެލޯނާގެ ހެޑް ކޯޗުގެ މަގާމަށް އަންހެނަކު އަތުވެދާނެކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

މިއަހަރުގެ ސްޕެނިޝް ލީގުގައި ހަތް ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށް ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތް އިރު އެ ޓީމު ވަނީ ދާދި ފަހުން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ކޮޕަ ޑެލް ރޭގެ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. އަދި އެ ޓީމުން ދަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވެސް ލިއޮންއާ ވާދަ ކުރަމުންނެވެ.

ބާސެލޯނާގެ ހެޑް ކޯޗު އާނެސްޓޯ ވަލްވާޑޭ --- ފޮޓޯ / ޖޭމީ ސްމިތް

ބާސެލޯނާގެ ކޯޗު ވަލްވާޑޭ ވަނީ 2020-2019 ވަނަ އަހަރާއި ހަމައަށް ވަނީ ބާސެލޯނާގައި މަޑު ކުރުމަށް ނިންމާފައެވެ. އޭނަގެ ކޯޗު ކަމުގައި ބާސެލޯނާއިން ވަނީ ޗެމްޕިއަންސް ލީގު ފިޔަވާ އެހެން ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

އުމުރުން 55 އަހަރުގެ ވަލްވާޑޭ މިއަދުގެ ވަގުތެއްގައި މީޑިއާއަށް ދިން އިންޓަވިއުއެެއްގައި ބުނެފައި ވަނީ އަންހެނުންގެ ދުވަހާއި ގުޅިގެން އަންހެން ބޭފުޅުންނަަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ ފުޓުބޯޅައިގައި އަންހެނުންގެ ނުފޫޒު ގަދަވަމުން އަންނަ ކަމަށާއި މުސްތަގުބަލުގައި ބާސެލޯނާގެ ސީނިއާ ޓީމުގެ ކޯޗެއްގެ މަގާމު ވެސް އަންހެން ބޭފުޅަކު ކޮށްފާނެ ކަމަށެވެ.

"އަހަރަމެން އެންމެން ވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ފަހަކަށް އައިސް ފުޓުބޯޅައިގެ ކަންކަމުގައި އަންހެނުންގެ ހިއްސާ ބޮޑުވަމުންދާ ކަން. އަދި މުސްތަގުބަލުގައި އެކަން ދާނީ ވެސް އިތުރު ވަމުން. އަންހެނުން ދަނީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނެސް އެ ކުޅިވަރު ދުވަހަކަށް ވުރެން ދުވަހެއް ކުރިއަރުވަމުން،" ވަލްވާޑޭ ބުންޏެވެ.

މީގެ އިތުރުން އަންހެނުން ދަނީ ފިރިހެނުންގެ ފުޓުބޯޅައިގެ ކަންކަމުގައި ވެސް ޝާމިލް ވަމުން ކަމަށާއި ދުރު ނޫން މުސްތަގުބަލެއްގައި ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި އަންހެނަކު ފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވަލްވާޑޭ ވަނީ ބުނެފަ އެވެ.

ބާސެލޯނާ ފުޓުބޯޅަ ކުލަބުގެ ބޯޑުގައި މިހާރުވެސް ދެ އަންހެން ބޭފުޅުން އެބަ ތިއްބެވެ. އަދި އެކުލަބުގައި ވަޒީފާ އަދާކުރާ މީހުންގެ 44 ޕަސެންޓު މީހުންނަކީ އަންހެނުން ކަމަށް އެ ކުލަބުން ބުނެއެވެ.