އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެކުލަވާލާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރުން އައްޑޫއާ ދޭތެރޭ ގެންގުޅޭ ތަސައްވަރު ވަރަށް ބޮޑުކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ ތަސައްވަރު އުފެދިގެން އައީ އައްޑޫ އިން ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައީސް ސޯލިހުގެ ދައުރު ނިމުމުގެ ކުރިން އެ ތަސައްވަރު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އައްޑޫގެ ތަސައްވަރު ހާސިލް ކުރުމަށް މިހާރު ސަރުކާރުން ވަނީ 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެކުލަވާލާފައި. މި މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ އައްޑޫގެ އިނދަ ޖެހިފައިވާ އިގްތިސޯދު ކޮޅަށް ޖަހައި މުޅި ގައުމީ އިގްތިސޯދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެން ދާނެ،" ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން ބައިވެރިވި އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުގައި ހިމެނޭ ބައެއް ޕްރޮޖެކްޓުތައް ރައީސް ސޯލިހު ވަނީ މިރޭގެ ޖަލްސާގައި ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން އެ ސިޓީއަށް 8000 ޓުއަރިސްޓް ބެޑް އިތުރުކުރުމާއި ބިން އިތުރުކުރުމާއި ބައިނަލްޣްވާމީ ފެންވަރަށް ޕޯޓް ތަރައްގީ ކުރުމާއި 17 ކިލޯ މީޓަރުގެ މަގު ހެދުމާއި މަސް ބަނދަރާއި ކަނޑުމަސް ޕްރޮސަސް ކުރާ ފެކްޓްރީ އެއް ތަރައްގީ ކުރުމާއި ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ އިތުރުން ސްޕޯޓްސް ކޮމްޕެލެކެސް އަކާއި އެކު ސްވިމިން ޕޫލް އާއި ފުޓްބޯޅަ ސްޓޭޑިއަމެއް އެ ބިޔަ މަޝްރޫއުގައި ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އެ ސިޓީގައި ގާއިމް ކުރާނެ ކަމަށެވެ.

"ރައްޔިތުންގެ ހިތުގައި އިސްލާމީ ރިވެތި ސިފަތަކަށް ރައްޔިތުންގެ ހިތުގައި ލޯބި އިތުރުކުރުމަށް މި ސިޓީގައި އިސްލާމިކް ސެންޓަރެއް ވެސް ގާއި ކުރެވިގެން ދާނެ. މި ސެންޓަރުގައި 2000 މީހުންގެ ޖާގައިގެ މިސްކިތަކާއި ލައިބްރަރީ އަދި ކޮންފަރެންސް ވަސީލަތްތައް ވެސް ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް އެ ތަންތަނުން އާމްދަނީ ލިބޭނެ މަގު ފަހި ކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ސިޓީގައި ހިމާޔާތްކޮށްފައިވާ ތަންތަނަކީ ޔުނެސްކޯގެ ހެރިޓޭޖް ސައިޓްތަކެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެ ކަމަށެވެ.

"މި މެގަ މަޝްރޫއަކީ ފަސް އަހަރު ދުވަހަށް ދެމިގެން ދާނެ މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި އައްޑޫ ސިޓީއަށް 470 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.