ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީއިން ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ އެކު މަޖިލިސް އިންތިހާބަށް ކުރިމަތިލާން ނިންމާފައިވާ އިރު އިއްޔެ އެ ކޯލިޝަނުން ވަނީ ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައިވާކަން ހާމަ ކޮށްފަ އެވެ. އެ ކޯލިޝަނުން ތާއީދު ކުރަން ނިންމީ އެ ކޯލިޝަނުގެ ކެންޑޭޓުން ވާދަ ނުކުރާ ދާއިރާތަކަށް ކުރިމަތިލާފައިވާ 27 ކެންޑިޑޭޓަކަށެވެ.

ޖުމްހޫރީ ޕާޓީން ހެންވޭރު އުތުރު ދާއިރާއަށް ނެރެފައިވާ ކެންޑިޑޭޓު އަލްހާން ފަހުމީގެ ކެމްޕެއިން ޖަލްސާ ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިރޭ ގާސިމް ވިދާޅުވީ، ޖޭޕީއިން ވެސް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީއިން ވެސް އެ ބޭފުޅުންގެ، އަޅުގަނޑުމެން ކުރިމަތިނުލާ ދާއިރާތަކުން އެ ބޭފުޅުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ހުރިހާ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީގެ ނަމުގައި އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތާއީދު ކުރާ ވާހަކަ ދަންނަވާލަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖޭޕީއިން ތާއީދު ކުރާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުންގެ ތަފްސީލު މާދަމާ ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަ ކުރައްވާނެ ކަމަށެވެ.

ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވީ ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައި ވަނީ ތިން ޕާޓީގެ ލީޑާޝިޕުން ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި މިހާރު ވެސް ޕީޕީއެމް ކޯލިޝަނާއި ޖޭޕީގެ މަޖިލީހުގައި މަސައްކަތް ކުރަމުން ދަނީ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ތާއިދު ކުރުމަށް ނިންމި ޖޭޕީގެ ކެންޑިޑޭޓުން:

  1. އާދަމް މޫސާ (އިހަވަންދޫ ދާއިރާ)

  2. ޙުސައިން ޝަހުދީ (ހަނިމާދޫ ދާއިރާ)
  3. އިސްމާއީލް ނަސީރު (ނޮޅިވަރަމް ދާއިރާ)
  4. ޢަބްދުﷲ ޝަރީފް (ވައިކަރަދޫ ދާއިރާ)
  5. ނަސްރުﷲ އިސްމާއީލް (ކުޅުދުއްފުށި އުތުރު ދާއިރާ)
  6. މުޙައްމަދު ޙުސައިން (ކަނޑިތީމު ދާއިރާ)
  7. އިލްހާމް އަޙްމަދު (އުނގޫފާރު ދާއިރާ)
  8. އަލީ ހުސައިން (ކެންދޫ ދާއިރާ)
  9. މާޖިދު ސުލައިމާން (ކާށިދޫ ދާއިރާ)
  10. ޙުސައިން މުޙައްމަދު (މަތިވެރި ދާއިރާ)
  11. ގާސިމް އިބްރާހިމް (މާމިގިލި ދާއިރާ)
  12. މުޙައްމަދު ނާޡިމް (ދަނގެތި ދާއިރާ)
  13. މޫސާ ނިޒާރު އިބްރާހީމް (ކެޔޮދޫ ދާއިރާ)
  14. އަޙްމަދު މުބީން (ބިލެތްދޫ ދާއިރާ)
  15. ރިޔާޟް ރަޝީދު (ވިލުފުށި ދާއިރާ)
  16. ޢަބްދުﷲ ރިޔާޒް (ތިމަރަފުށި ދާއިރާ)
  17. ޢަލީ ޙަމީދު (އިސްދޫ ދާއިރާ)
  18. އާދަމް އާސިފް (ގަމު ދާއިރާ)
  19. އަލީ އާދިލް (ގެމަނަފުށި ދާއިރާ)
  20. އަލީ ޝާހު (ފުވައްމުލަކު އުތުރު ދާއިރާ)
  21. ހުސައިން ސޯލިހު (ހިތަދޫ މެދު ދާއިރާ)
  22. މުޙައްމަދު ފަރުހާދު (އައްޑޫ މީދޫ ދާއިރާ)
  23. އިރުތިޝާމް އާދަމް (ހެންވޭރު ދެކުނު ދާއިރާ)
  24. އަލްހާނު ފަހުމީ (ހެންވޭރު އުތުރު ދާއިރާ)
  25. އިބްރާހީމް މަމްނޫން (މައްޗަންގޮޅި ދެކުނު ދާއިރާ)
  26. ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވިލިމާލެ ދާއިރާ)
  27. އާއިޝަތު ނާޒިމާ (ހެންވޭރު ހުޅަނގު ދާއިރާ)