08 Mar 2019, 22:26
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ 'އެޖެންޑާ 19' ގެ ސިޔާސަތުތަކަކީ ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ދެލި ކޮޕީއެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށް މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ތަރައްގީގެ ތަސައްވަރު ގައި ކުލަ ޖެއްސުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިންމު ތަނެއް ކަމަށެވެ.
"މިހާތަނަށް މި ދެންނެވުނު ބަދަލުތަކާއި އިސްލާހުތަކާއި އަދި ހެޔޮވެރިކަމާއި ރައްޔިތުންނާ ގުޅޭ އެތައް ކަމެއް އެންމެ ފުރިހަމައަށް ތަސްވީރުކޮށްފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 ގައި ކަން އަޅުގަނޑު ފާހަގަ ކުރަން،" އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް ސޯލިހު ވިދާޅުވި އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހަކަށް ވާން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެކަން ކުރެވޭނީ ބަދަލުތަކަށް އެދޭ އެކަން ގަބޫލު ކުރާ އެކަމުގެ ވައްޓަފާޅި ލިބިފައިވާ މެންބަރުން ތިބެގެން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭންނަކީ މިކަން ފުރިހަމައަށް ހިތުގެ އަޑިން ގަބޫލުކުރާ ބޭފުޅުން ކޮޅެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން ރައީސް ވަނީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ވެސް 'ތިލަފަތަށް' ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.