ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާ އެކު ކަމަށް ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަލްހާން މިރޭ ވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފަށާފައެވެ.

ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހެންވޭރު ޓާފު ދަނޑު ކުރިމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަލްހާން ވިދާޅުވީ، އޭނާ މަޖިލީހަށް ކުރިމަތި ލެއްވުމަށް ނިންމެވީ ވެސް ރައީސް ސޯލިޙާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި ރައީސް ސޯލިހްގެ ފުރިހަމަ ތާއީދު އޭނާ އަށް އެބަ އޮތް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ މިތާ ތިބި ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުން، އަޅުގަނޑު މިތަނަށް ހުއްޓި މިހުރީ، ހަމަ ވަރަށް ތެދަށް މި ދަންނަވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާއެކު،" އަލްހާން ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލާން ވެސް އަޅުގަނޑު ރައީސް ސޯލިހާ މަޝްވަރާ ކުރިން. ރައީސް ވިދާޅުވި، ކޯލިޝަން ޕާޓީ އެކޭ ޖުމްހޫރީ ޕާޓީ އަކީ. އަލްހާން ޖުމްހޫރީ ޕާޓީ ޓިކެޓް ހޯއްދަވައިގެން ވަޑައިގަންނަވާށޭ. އެހެންވެ ވީމަ އަޅުގަނޑު މިހުރީ އެގޮތަށް އައިސް،" ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ނައިބު ރައީސް ކަން މީގެ ކުރިން ކުރެއްވި އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، މަޖިލިސް އިންތިހާބަށް ކޯލިޝަންގެ ކަންކަން ނިމިގެން ދިޔައީ އުންމީދު ކުރެއްވި ގޮތަކަށް ނޫން ކަމަށާއި އެގޮތަށް ވާން ޖެހުނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށެވެ.

"އެކަން ކަން އެހެން ވާން ޖެހުނީ ރައީސް ނަޝީދު ހަމައެކަނި ވަކި ޕާޓީއަކަށް ބޮޑު ބައި ނަގަން ހަދައިގެން އަމިއްލަ އެދުންފުޅު މާބޮޑަށް އިސްކުރެއްވީމަ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، މިއީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރުގައި އޭނާ ނިސްބްތްވާ ޖުމްހޫރީ ޕާޓީގެ ހިއްސާވެސް އެބަ އޮތް ކަމަށް އަލްހާން ވިދާޅުވިއެވެ.