08 Mar 2019, 19:49
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރީ ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު 17 މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުންގެ ޑުރަގް އެންފޯސްމަންޓުން މިއަދު ހިންގި އެ އޮޕަރޭޝަނުގައި ގަލޮޅު ގެއަކުން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފައި ވަނީ 17 ފިރިހެނުން ކަމަށެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ، 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 23 އަހަރާއި 24 އަދި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ ދެ މީހަކާއި 30 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 38 އަހަރުގެ ދެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ.
ސަތާރަ މީހުނެގް އިތުރުން އެ ގެއިން، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ފުޅިއަކާއި 10 ސެލޯފިންކޮޅުގެ އިތުރުން 164 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ހުސްވި ހަފްތާގައި ވެސް މާލޭ ގެއަކުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 21 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ހަ މީހުން ކޯޓުން ދޫކޮށްލި އިރު އަނެއް 15 މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.