ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު މީކާއިލް އަހްމަދު ނަސީމްއަށް މަރުގެ އިންޒާރުދީ، އޭނާގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި މީކާއިލްގެ ޖަގަހައިގެ ބިއްލޫރިގަނޑު ވަނީ ދެ ތަނަކުން ތަޅާލާފައެވެ. އެ މައްސަލަ އޭނާ މިހާރު ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ.

މީކާއިލް "ސަން"އަށް ވިދާޅުވީ، ރޭ މީހަކު އޭނާއަށް ގުޅާފައި އޭނާގެ ކެމްޕޭން ބެނާތައް ކަނޑާލައި، ޖަގަހައަށް ގެއްލުން ދޭނެ ކަމަށް ބުނި ކަމަށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރެހެންދި ހިނގުމުގައި ހުރި އޭނާގެ ކެމްޕޭން ބެނާތައްވެސް ރޭ ހުރީ ކަނޑާލާފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވީ ރެހެންދި ހިނގުމުގައި ހުރި އަޅުގަނޑުމެންގެ ހުރިހާ ބެނާތައް ކަނޑާލާފައި، ހޮޅިތަކާ އެއްޗެހި ބެންޑުކޮށްލާފައި ހުރިކަން. ދެން އަޅުގަނޑުމެންގެ ކެމްޕެއިން ޓީމު އެތާ ކަންމަތީގައި ތިއްބާ ބަޔަކު މީހުން އައިސް ބުނި ކަމަށް ވަނީ މި އޭރިއާއަކު ނުޖެހޭނެއޭ [ބެނާތައް]. ޖަހައިގެން ނުވާނެއޭ،" އޭނާ ކިޔައިދެއްވިއެވެ.

އޭނާ ވިދާޅުވީ ބެނާތައް ކަނޑާލި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. އަދި އޭގެ ފަހުން ގްރޫޕަކުން ސައިކަލުތަކެއްގައި ޖަގަހައިގެ ވަށައިގެން ދުއްވަން ފެށި ކަމަށް ވިދާޅުވިއެވެ.

މީކާއިލް ކިޔައިދެއްވި ގޮތުގައި، ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލީ ބެނާތައް ކަނޑާލާފައި ހުރިތަން ދައްކަން ފުލުހުންނާ އެކު ރެހެންދި ހިނގުމުގައި ތިއްބައެވެ.

އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ މީކާއިލް އަހްމަދު ނަސީމް ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެތަނުގައި ފުލުހުންނާއެކު ތިއްބާ މީހަކު ސައިކަލަކުން އައިސް ހަޑިހުތުރު ބަހުން މުއާމަލާތު ކުރަން ފެށި ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ކުރިން ފޯނުން އިންޒާރު ދިން މީހާ އެއީ. ހަމަ ފުލުހުން އަޅުގަނޑުމެން ކައިރީގައި ތިއްބާ އައިސް ބުނީ މި އައީ ޖަގަހަ ތަޅާލާފައޭ. ވަރަށް ހަޑި އެއްޗެހި ކީ،" މީކާއިލް ވިދާޅުވިއެވެ.

އެއަށް ފަހު ޖަގަހައަށް ގޮސް ބެލި އިރު ޖަގަހަ ހުރީ ތަޅާލާފައި ކަމަށް މީކާއިލް ކިޔައިދިނެވެ. އޭނާ ވިދާޅުވީ، ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލީ ގަލަކުން ޖަހައި ކަމަށެވެ. ނަމަވެސް އެތަނުގެ ތެރޭގައި ހުރި ސާމާނަށް ގެއްލުން ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މީކާއިލް އަހްމަދު ނަސީމުގެ ކެމްޕޭން ޖަގަހަައިގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 2:30 އެހާކަން ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއިން މީކާއިލްގެ އިތުރުން ގަލޮޅު ދެކުނު ދައިރާއަށް ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން ދާންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހްމަދު އައްސަދު (އަސްލުމީހާ)އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒްއާއި ރައީސް މައުމޫނުގެ ތާއީދާއެކު އަމިއްލަގޮތުން ވާދަކުރައްވާ އައިމިނަތު ނާދިރާ އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން މިރުފަތު އިސްމާއިލް ޝަފީގާއި އަހްމަދު އާޒިމްއެވެ.